11 Sep 2014, 16:16
ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި ކޮންސަލްޓެންސީގެ މަސައްކަތް ކޮށްދޭނެ އެފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކޮންސަލްޓަންޓުންގެ ދަފުތަރެއް އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އުކުލަވާލުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން އެ ދަފްތަރު އެކުލަވާލުމަށްފަހު އަންނަ މަހުން ފެށިގެން ސަރުކާރުގެ ހުރިހާ ކޮންސަލްޓެންސީ މަސައްކަތެއް ހަވާލުކުރެވޭނީ ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
"ޕްރަވެޓް ސެކްޓާއަށް ވަރަށް ބޮޑު ފުރުސަތެއް ސަރުކާރުން މިހުޅުވާލަނީ، ސަރުކާރުގެ މަޝްރޫއޫތަކަށް ކޮންސަލްޓެންސީ ޚިދުމަތް ދިނުމަށް" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެދަފްތަރުގައި ހިމެނޭނެ ފަރާތްތަކުގެ ގައިޑް ލައިނާއި އެޕްލިކޭޝަން ފޯމް އެމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. ފައިސާދޭނެ އުސޫލާއި މަސައްކަތްތައް މޮނީޓާ ކުރެވޭނެ އުސޫލްތައް ހަމަޖެއްސުމަށް ގައިޑްލައިންތަކެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެޕުރޮޖެކްޓަކަށް ފައިސާދޭން ސަރުކާރުން ގެންގުޅޭނެ އުސޫލަކީ އެޕުރޮޖެކްޓަކަށް ސަރުކާރުގެ ބަޖެޓުގައި ހިމަނާފައިވާ އޮންނަ އަދަދުގެ ތެރެއިން ވަކި ޕަސެންޓެއް އެކޮންސަލްޓެންޓަކަށް ދޭނީ" މުއިއްޒު ވިދާޅުވިއެވެ.