އިމާދުއްދީން ސްކޫލުގެ ގްރޭޑް ތިނެއްގެ ދަރިވަރަކަށް އެހެން ދަރިވަރުންތަކެއް ދިމާކޮށް، އެ މައްސަލަ ސްކޫލަށް ހުށަހެޅުމުން އެ ދަރިވަރާ ދިމާއަށް ހުތުރު ބަހުން ވާހަކަދެއްކި އެ ސްކޫލުގެ ޓީޗަރެއްގެ މައްސަލަ ބަލަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ސްކޫލުތަކުގައި ބުލީ ކުރުމުގެ އަމަލަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއިި އެފަދަ އަމަލުތައް ހިނގައިގެން ނުވާނެ ކަމަށެވެ. އަދި އެ ސްކޫލުގެ މެނޭޖްމަންޓާ ވާހަކަދައްކައިގެން އެ މައްސަލަ ބަލަމުންދާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ، ބުލީ ކުރުމާ ގުޅޭގޮތުން ސްކޫލްތަކުގެ މެނޭޖްމަންޓަށް ހިންގާ ގިނަ ލައިފް ސްކިލް ޕްރޮގްރާމްތަކުގައި މައުލޫމާތުދީ ހޭލުންތެރިކުރުވާ ކަމަށެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ގްރޭޑް ތިނެއްގައި ކިޔަވަމުން އަންނަ އަންހެން ކުއްޖަކަށް އެ ދަރިވަރުގެ ކްލާސް ކުދިން ވަނީ ދިމާކޮށް ބުލީކޮށްފަ އެވެ. އަދި އެކަން ސްކޫލުގެ މެނޭޖްމަންޓަށް ދަރިވަރުގެ ބެލެނިވެރިން ހުށަހެޅުމުން އެ ދަރިވަރުގެ ޓީޗަރުގެ ވަނީ އެކުއްޖާއަށް އިންޒާރުދީ، ހަޑިހުތުރު ބަހުން ވާހަކަދައްކާފަ އެވެ.

އެކަމާ ގުޅިގެން އާއިލާއިން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފަ އެވެ.

އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝަހީން ވިދާޅުވީ، އެ މައްސަލާގައި ދަރިވަރުގެ ބެލެނިވެރިން އެދިގެން ދަރިވަރުގެ ކްލާސް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ޓީޗަރާ މެދު އަޅާނެ ފިޔަވަޅެއް ނިންމާނީ ފުލުހުންނާ އެޑިއުކޭޝަން މިނިސްޓްރީން މައްސަލަ ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، ހުތުރު ބަހުން ވާހަކަ ދައްކާ އިންޒާރުދިން ޓީޗަރު މިހާރު ސްކޫލަކަށް ނުނިކުމެއެވެ. ނަމަވެސް އޭނާ ސްކޫލަށް ނުނިކުންނަނީ އެގޮތަށް ސްކޫލުން އަންގައިގެން ކަމެއް އެނގިފައެއް ނުވެއެވެ.

ބުލީ ކުރުމުގެ އަމަލުތަކަކީ ސްކޫލްތަކުގައި މަދުން ނަމަވެސް ހިންގަމުން އަންނަ އަމަލެކެވެ. އަދި ބުލީ ކުރުމުގެ ސަބަބުން ބައެއް ކުދިންނަށް ނަފްސާނީ ގޮތުން އަސަރުކޮށް ބައެއް ކުދިން ސްކޫލުގެ ކިޔެވުން ދޫކުރާތަން ވެސް އާދެއެވެ.