11 Sep 2014, 15:01
މިމަހުގެ 13 އިން 17 އަށް ސަން އައިލެންޑުގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ކެރަމް ވޯލްޑް ކަޕުގެ ޓެލެކޮމް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި މިއަދު ބޭއްވި ހަފްލާއެއްގައި ކެރަމް އެސޯސިއޭޝަންގެ ފަރާތުން އެއްބަސް ވުމުގައި ސޮއި ކުރެއްވީ، އެ އެސޯސިއަންގެ ރައީސް އަހުމަދު މުބީނެވެ. އުރީދޫގެ ފަރާތުން އެއްބަސް ވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހާ އެވެ.
އެއްބަސް ވުމުގައި ސޮއިކުރެއްވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އުރީދޫގެ ސީއީއޯ ވިދާޅުވީ، އެކުންފުނީގެ މަގުސަދަކީ އާންމުންނަށް ފަސޭހަ ތަކެއް ކޮށްދިނުން ކަމަށާއި ކުޅިވަރުގެ ޒަރިއްޔާއިން އާންމުންނަށް އެހީ ވެވެން އޮތް ވަރަކުން އެހީ ފޯރު ކޯށްދޭނެ ކަމަށެވެ.
"ވަރަށް އުފާވާ ކަމެއްމިއީ ކުޅިވަރަކާ ގުޅޭތީ. ބްރޭންޑެއްގެ ގޮތުގައި އަޅުގަނޑުމެންގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނަށް ވެވެން އޮތް ގޮތަކަށް އެހީވުން. އެހެން ކަމުން މި ފުރުސަތު އަޅުގަނޑުމެންނަށް ދިނީތީ ކެރަމް އެސޯސިއޭޝަނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން. މި ކޮމިޓްމެންޓަކީ ހަމައެކަނި މުބާރާތް ނިމެންދެން އޮންނަ ގުޅުމެއް ނޫން. އެކަމު ވީހާވެސް ދިގު މުއްދަތަކަށް މި ގުޅުން އޮތުން ބޭނުމަކީ،" ސީއީއޯ ވިދާޅުވި އެވެ.
ކެރަމް އެސޯސިއޭޝަންގެ ރައީސް ވިދާޅުވީ ކެރަމަކީ ރާއްޖޭގެ 95 އިންސައްތަ މީހުން ކުޅޭ ކުޅިވަރެއް ކަމަށާއި އުރީދޫއަށް މި ކުޅިވަރުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ގުޅުން ރަނގަޅު ކުރެވޭނެ ކަމަށެވެ.
"އަޅުގަނޑު ބުނެލާނީ، އުރީދޫ މިހާރު ރާއްޖޭގައި މަގުބޫލުކަން ހޯދަމުންދާއިރު ކެރަމް އާއި ގުޅުމަކީ މީހުންގެ ތެރޭގައި މަގުބޫލުކަން އިތުރު ކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅެއް. ސަބަބަކީ ކެރަމް މިއީ ރާއްޖޭގެ 95 އިންސައްތަ މީހުން ކުޅޭ ގޭމަކަށް ވާތީ. މި ކުޅިވަރުގެ އެހީގައި ހީކުރަން ކަސްޓަމަރުންނާއި ކުންފުނީގެ ގުޅުން އިތުރަށް ބަދަހި ވާނެ ކަމަށް،" މުބީން ވިދާޅުވި އެވެ.