ސިއްހީ ދާއިރާ ހަމައަކަށް އެޅެންދެން އެ ދާއިރާ ބަލަހައްޓަވަމުން ގެންދަވާނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްުދުލް ގައްޔޫމްގެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ފޭދުގައި ރޭ ބޭއްވި ޕީޕީއެމްގެ ކެންޕޭން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫންގެ ސަރުކާރުގައި ވެސް ސިއްހީ ދާއިރާ އަށް ޚާއްސަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށާއި ނަމަވެސް ފާއިތުވެ ދިޔަ ދެ ތިން އަަހަރު ދުވަހުގެ އެ ދާއިރާގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންނަށާއި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ސިއްހީ ދާއިރާގެ ކަންކަން އޮތީ ދަތިކަމެއްގެ ތެރޭގައި ކަމަށެވެ.

ސިއްހީ ދާއިރާ މިވަގުތު ބަލަހައްޓަވަމުން އަންނަނީ އެކްޓިންގް މިނިސްޓަރެއް ކަމަށާއި އެމަނިކުފާނު މި ދާއިރާއަށް ގެންނަން ބޭނުންވާ ތަރައްގީ އެ މިނިސްޓަރު ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މާލޭގައި ވެސް އައިޖީއެމްއެޗް ހިނގުމަށް އެވަނީ ބަދަލު ގެނެސްފައި، ގަވަނިން ބޯޑެއް އެވަނީ ކަނޑައަޅާފައި އެތަން ހިންގުމަށް އެ ބޯޑަށް ކަމެއް ހައްލު ނުވެއްޖެނަމަ ސީދާ ރައީސް ކައިރީގައި ބުނާނެ. ބުނީމަ ރައީސް އެކަމެއް ކޮށްދޭނަން. ސިއްހީ ދާއިރާއަކީ އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ދާއިރާއަށް ވީމަ އަޅުގަނޑު ބޭނުންވަނީ މިދާއިރާ ހަމައަކަށް އެޅި އަޅުގަނޑު ބޭނުންވާ މިސްރާބަކަށް އަމާޒު ހިފެންދެއް މިދާއިރާ ސީދާ އަޅުގަނޑު ބަލަން. ހަމައެހެންމެ ވިލިގިނލީގެ ހޮސްޕިޓަލް ވެސް ހުޅުމާލޭ ހޮސްޕިޓަލް ވެސް އައްޑޫ ހިތަދޫ ހޮސްޕިޓަލް ވެސް ހިމެނޭ،" ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން އައްޑޫ ސިޓީގެ ނަރުދާމާގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެ ކަމަށާއި އޮޕެކް ފަންޑް ފޯ ޑިވެލޮޕްމަންޓް (އޮފިޑް) އިން ރާއްޖެއަށް ދޭ 50 މިލިއަން ޑޮލަރުގެ ތެރެއިން 17 މިލިޔަން ޑޮލަރު މުޅި އައްޑޫ ސިޓީގެ ނަރުދަމާގެ މަސައްކަތަށް ޚަރަދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

" 17 މިލިއަން ޑޮލަރުން މުޅި އައްޑޫ އަތޮޅުގެ ނަރުދަމާއަށް ބޭނުން ޕްރޮޖެކްޓް މިއަހަރުގެ ތެރޭގައި ފެށޭނެ، އައްޑޫގެ ވަކި ރަށެއް ނޫން އައްޑޫގެ ހުރިހާ ރަށެއްގައި ނަރުދަމާގެ މަސައްކަތް ފެށޭނެ. މިއަހަރު ނުނިމިއްޖެއްޔާ ދެން އަންނަ އަހަރު އިރާދަކުރެއްވިއްޔާ މި މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވި އެވެ.