11 Sep 2014, 13:08
މިނިވަންނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބުދުﷲ ނުފެންނަނީސް ބޯހިމެނުމުގައި ބައިވެރިނުވާން ވިސްނަމުންދާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ރިޝުވާން ހޯދުމަށް ކުރާ މަސައްކަތުގައި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި އެހެންކަމުން އެކަމުގައި ސަރުކާރަށް ޕްރެޝަރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިވަގުތު އެންމެ ބޮޑު ޕްރެޝަރެއް ދެވޭނީ ރިޝުވަނާ ނުލައި ބޯހިމެނުމުގައި ބައިވެރިނުވާން ނިންމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހި ރާއްޖޭގެ ދިވެހި ރައްޔިތުން ނުހިމެނޭ ގޮތަށް ދިވެހި ރައްޔިތުންނަށް ވާނުވާ ނޭންގި ގެއްލުވާލައިގެން ނަގަން ޖެހޭ ބޯހިމެނުމެއް އޮންނާނެ ކަމަކަށް އަޅުގަނޑުމެނެއް ނުދެކެން،" ޝިފާޒު ވިދާޅުވި އެވެ.
ޝިފާޒު ވިދާޅުވީ ރަސްމީ ސިފައެއްގައި ބޯހިމެނުން ބޮއިކޮޓު ކުރަންޖެހިދާނެ ކަމުގެ ވިސްނުން އެޕާޓީގެ ތެރޭ އެބަހުރި ކަމަށާއި ގައުމީ މަޖިލީހުގެ ބައްދުލުވުމުގައި އެކަމާ ބަހުސްކުރެވި ގައުމީ ކެމްޕޭނެއްގެ ގޮތުގައި އެކަން ކުރިއަށްގެންދާނެ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ ދިވެހި ރައްޔިތަކު ގެއްލުމަކީ އެމްޑީޕީއަށް ކުޑަ ކަމެއްނޫން ކަމަށާއި އެކަން އެޕާޓީން ދޫކޮށްނުލާނެ ކަމަށެވެ. އަދި އެކަމުގައި "އެމްޑީޕީން ހިފުމަކީ" ސިޔާސީ ކުރުން ކަމަށް ދެކެވަޑައިނުގަތުމަށް ވެސް އަލީ ވަހީދު އެދިވަޑައިގަތެވެ.
އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ފުލުހުން އަމަލު ކުރަމުން ދަނީ ދުނިޔޭގެ އެއްވެސް ތަނެއްގައި މީހަކު ގެއްލުނީމަ އަމަލު ކުރާ އުސޫލުން ނޫން ކަމަށާއި ފުލުހުން އެކަމުގެ މައުލޫމާތު ރައްޔިތުން ދެމުން ނުދާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

"މިހާރު ސަރުކާރުގެ އިސްވެރިންގެ ޕްރެސް ކޮންފަރެންސް ތަކުން ދައްކާ ވާހަކައިން އޭނަ ވަގަށް ނަގާފައިވާ ކަމަށް އެބަސިފަވޭ. އެއްވެސް ބޭފުޅަކު އެހެން ސީދާ ސީދާ ވިދާޅެއްނުވޭ،" އަލީ ވަހީދު ވިދާޅުވި އެވެ.
ރިޟުވާން ގެއްލުނު މައްސަލައާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލިސް ބާއްވަން އުޅުމުން ސަރުކާރުން އެކަމަށް ހުރަސް އަޅަމުން އަންނަ ކަމަށާއި ސަރުކާރުން ހުރަސް އެޅިނަމަވެސް މަގުމަތީގައި ގައުމީ މަޖިލިސް ބާއްވަން ޖެހުނަސް ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ މިހާރު މިއޮތް ހާލަތު ބަދަލު ކުރާނެ ކަމަށާއި އެހާލަތު ބަދަލު ކުރަން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު އެމްޑީޕީން ނުކުންނާނެ ކަމަށެވެ.