އެފްރިކަން ކަޕްއޮފް ނޭޝަންސްގެ ގުރޫޕް ކޮލިފައިންގައި 4-1 ލަނޑުން އައިވަރީ ކޯސްޓް ބަލިކޮށް ކެމަރޫން އެ ގުރޫޕްގެ އެއްވަނައަށް ޖެހިލައިފި އެވެ.

އަމިއްލަ ގައުމުގައި ކުޅެމުންދިޔަ ކެމަރޫނަށް ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ 15 ވަނަ މިނިޓްގައި ކިލްޓަން ނިޖޭ އެވެ. މިލަނޑު ޖެހިތާ މާ ގިނަ އިރުތަކެއް ނުވަނީސް އައިވަރީ ކޯސްޓުން ނަތީޖާ އެއްވަރު ކުރިޗއެވެ. ނަތީޖާ އެއްވަރު ކުރި ލަނޑު އެޓީމަށް ކާމިޔާބު ކޮށް ދިނީ ފުރަތަމަ ހާފްގެ 25 ވަނަ މިނިޓުގައި މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޔާޔާޓޫރޭ އެވެ.

ކެމަރޫން ދެވަނަ ފަހަރަށް ލީޑްނެގީ 38 ވަނަ މިނިޓްގައި ވިސެންޓް އަބޫބަކުރު ޖަހައިދިން ލަނޑުންނެވެ. ކެމަރޫންގެ ލީޑު އިތުރަށް ފުޅާކޮށް ދިނީ ވެސް އަބޫބަކުރެވެ. އެއީ މެޗުގެ 54 ވަނަ މިނިޓްގަ އެވެ. ކެމަރޫންގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިން ކިލްޓަން ނިޖޭއެވެ. ނިޖޭ މިލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 76 ވަނަ މިނިޓްގައެވެ.

މި ގްރޫޕްގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާއި ސިއެރަލިއޯން ވާދަކޮށް 2-0 ކޮންގޯ މޮޅުވެ މިފަހަރުގެ ކޮލިފިކޭޝަންގައި ފުރަތަމަ ފަހަރަށް ވަނީ 3 ޕޮއިންޓް ހޯދާފައެވެ. މިމެޗު ކުޅުމަށް ސިއެރަލިއޯން ހަމަޖެހިފައޮތް ނަމަވަސް އެބޯލާ ރޯގާގެ ސަބަބުން ކޮލިފައިިންގެ އެއްވެސް މެޗެއް ސިއެރަލިއޯންގައި ނުކުޅުމަށް ވަނީ ނިންމައިފައެވެ.

އެބޯލާ ރޯގާގެ ސަބަބުން ބައެއް ގައުމުތަކުގައި ކުޅުމަށް ހަަމަޖެހިފައިވާ މެޗުތަށް ވަނީ އެހެން ގައުމުތަކުގައި ކުޅުމަަށް ތާވަލް ކޮށްފައެވެ. އެގޮތުން ކޮންގޯއަކީ އެހެނިހެން ގައުމުތަކުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތަށް މިފަހަރު ގެ ކޮލިފައިންގައި އެންމެ ގިނައިން ތާވަލް ކޮށްފައިވާ ގައުމެވެ.

ރޭ ކުޅުނު ކޮލިފައިންގެ އެހެން މެޗުތަކަށް ބަލާއިރު މަލާވީ ވަނީ 3-2 ލަނޑުން އިތިއޯޕިއާ އަތުން މޮޅުވެފައެވެ. ކޮންގޯ އާއި ސޫދާން ވާދަކުރި މެޗު ނިމިގެން ދިޔައީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

އެފްރިކާގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ އެފްރިކަން ކަޕް އޮފް ނޭޝަންސް މިފަހަރު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހު މޮރޮކޯގައެވެ.