11 Sep 2014, 12:34
އޭސީ މިލާނާ އަލަށް ގުޅުނު ޗެލްސީގެ ސްޕެއިން ފޯވާޑު ފެނާންޑޯ ޓޮރޭޒް އަކީ މާރިއޯ ބަލޮޓެލީއަށްވުރެ ބޭނުންތެރިކަން ބޮޑު ކުޅުންތެރިއެއްކަމަށް މިލާނުގެ ގޯލު ކީޕަރު ޑިއޭގޯ ލޮޕޭޒް ބުނެފި އެވެ.
ލޯނު އެއްބަސްވުމެއްގައި ޗެލްސީ އިން ޓޮރޭޒް ގެނައުމުގެ ކުރިން މިލާނުން ވަނީ 20 މިލިއަން ޔޫރޯއަށް ބަލޮޓެލީ ވިއްކާލާފަ އެވެ.
ލޮޕޭޒް ބުނީ ޓޮރޭޒަކީ ތަޖުރިބާ ހުރި މޮޅު ކުޅުންތެރިއެއް ކަމަށާއި މިލާނަށް ބަލެޓޮލީއަށް ވުރެ ޓޮރޭޒްގެ މުހިންމުކަން ބޮޑު ވާނެ ކަމަށެވެ.
"ޓޮރޭޒް އަކީ މޮޅު ކުޅުންތެރިއެއް. އޭނާގެ ފަރާތުން ވަނީ މޮޅު ކުޅުންތަކެއް ފެނިފައި. އޭނާއަކީ ތަޖުރިބާ ހުރި ހަލުއި ކުޅުންތެރިއެއް. އެއީ މުހިންމު ވާނެ ކަންކަން. ބަލެޓޮލީއާ ބެހޭ ގޮތުން ބުނެދޭކަށް ނޭނގެ،" ލޮޕޭޒް ބުންޏެވެ.
ރެއާލް މެޑްރިޑަށް ހަތް އަހަރު ދުވަހު ކުޅެދީފައިވާ ލޮޕޭޒް ބުނީ މިލާނަށް އޭނާ ގުޅުނީ ބޭނުންވެގެން ކަމަށާއި އެއީ ވަރުގަދަ ޓީމެއް ކަމަށެވެ.
"ރެއާލް މެޑްރިޑާއި މިލާނަކީ ވަރަށް ބޮޑު ދެ ކްލަބު. އެއްގޮތް ކަންތަށް ދެ ކްލަބުގައިވެސް ވަރަށް ގިނަ. މިހާރު މިދަނީ ޓީމު ދަސްކުރަމުން. ކުޅުންތެރިން ވެސް ތަންކޮޅެއް ބޮޑަށް އެނގެމުން. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށް މި އުންމީދު ކުރަނީ،" ލޮޕޭޒް ބުންޏެވެ.
ރެއާލަށް ހަތް އަހަރުވަންދެން ކުޅެދިން ލޮޕޭޒް ވަނީ 230 މެޗުގައި ކުޅެފައެވެ. ލޮޕޭޒް ވަނީ 2013 ގައި ހަތަރު އަހަރުގެ ކޮންޓްރެކްޓަކާއެކު އަނބުރާ ރެއާލަށް ގުޅިފައެވެ. ނަމަވެސް އޯގަސްޓު މަހުގެ 13 ގައި މިލާނުންނާއި ރެއާލުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ލޮޕޭޒް ވަނީ މިލާނަށް ބަދަލު ވެފައެވެ.