އޭޝިއަން ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމަނާފައިވާ ސީނިއާ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެ މުބާރާތައް ނުދާގޮތަށް ނިންމައިފި އެވެ.

ދަގަނޑޭއަށް ގްރީން ޕާސްޕޯޓް ހަވާލު ކުރުމަށް މިއަދު އިމިގްރޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގު ވިދާޅުވީ އެ ކޮމިޓީގެ ލަފާގެ މަތިން ދަގަނޑޭ އެ މުބާރާތައް ނުދާން ނިންމީ އޭނާ ކެރިއަރުގައި އިތުރަށް ކުރިއަށް ދިއުމަށް ނިންމަން ޖެހޭ ވަރަށްބޮޑު ނިންމުމެއް ނިންމަން ވަގުތު ދިނުމަށް ކަމަށެވެ. ނަމަވެސް އެ ނިންމުމުގެ އިތުރު ތަފްސީލެއް ދެވެން ނެތްކަމަށް މަރުޒޫގު ވިދާޅުވި އެވެ.

"އިއްޔެ ހަވީރު އަޝްފާގުގެ މުސްތަގުބަލާއި ކެރިއަރާ ބެހޭގޮތުން އައި ވަރަށް ބޮޑު މުހިންމު ނިންމުންތަކެއް ނިންމަން. ކުރިއަށް އޮތް ހަތަރު ދުވަސް ތެރޭގައި އެބަޖެހޭ އެކަން ނިންމަން. އެހެންވެ އެކަމަށްޓަކާ އަޝްފާގު އަޅުގަނޑުމެންގެ ލަފާއަކަށް އެދުމުން އަޅުގަނޑެމެން ނަސޭހަތްތެރިވީ އަޝްފާގު މަޑުކުރަން. ކުރިއަށް އޮތް ހަތަރު ދުވަހަކީ ކެރިއާގައި ވަރަށް މުހިންމު ހަތަރު ދުވަސް،" މަރުޒޫގު ވިދާޅުވި އެވެ.

މަރުޒޫގު ވިދާޅުވީ އަޝްފާގު އޭޝިއަން ގޭމްސްގައި ބައިވެރިވުމާ ބެހޭ ގޮތުން އޭނާ ކުޅެމުން އަންނަ މެލޭޝިއާގެ ކްލަބާ މަޝްވަރާ ކުރުމުން ބޭނުންގޮތަކަށް އަމަލު ކުރުމަށް އެ ކްލަބުން ބުނެފައިވާ ކަމަށެވެ.

މުހިންމު ނިންމުމެއް ނިންމަން ކުރިއަށް އޮތް ހަތަރު ދުވަހަށް އަޝްފާގު މަޑުކުރި ނަމަވެސް އޭނާއަށް މިމަހު 18 ވަނަ ދުވަހުގެ ފަހުން އޭޝިއަން ގޭމްސްއަށް ގޮސް އެ ރަސްމިއްޔާތު ހުޅުވުމާއި، ނިންމުމުގެ ރަސްމިއްޔާތާއި އެހެނިހެން ހަރަކާތްތަކުގައި ވެސް އޮލިމްޕިކް ކޮމިޓީގެ އެމްބެސަޑަރެންގެ ގޮތުގައި އުޅެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.