ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ސަރުކާރުގެ ފަރާތުން އޮފިޝަލް ގްރީން ޕާސްޕޯޓެއްދީފި އެވެ.

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި އެ ރަސްމިއްޔާތެއްގައި ދަގަނޑޭ އަށް ގްރީން ޕާސްޕޯޓް ހަވާލިކޮށްދެއްވީ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް އެވެ. ގްރީން ޕާސްޕޯޓް ދަގަނޑޭ އަށް ހަވާލުކުރީ އޭނާ އަކީ މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ އެމްބެސަޑަރަކަށް ވުމުންނެވެ.


ގްރީން ޕާސްޕޯޓަކީ އާންމުކޮށް ސަރުކާރުގެ އިސްވެރިންގެ ތެރެއިން ޑިރެކްޓަރު ޖެނެރަލް އިން މަތީ ފެންވަރުގެ ބޭފުޅުންނަށް ރަސްމީ ދަތުރުފުޅުތަކުގައި ބޭނުންކުރުމަށް ހަވާލުކުރާ ޕާސްޕޯޓެކެވެ. ދަގަނޑޭ އަށް ހަވާލުކުރި އެ ޕާސްޕޯޓަކީ އެމްބެސެޑަރަކަށް އަދި ދިވެހިރާއްޖޭގެ ކުޅުންތެރިއަކަށް ދިން ފުރަތަމަ އޮފިޝަލް ޕާސްޕޯޓެވެ.

އޮލިމްޕިކް ކޮމޮޓީން ބުނީ އެ ޕާސްޕޯޓް ދަގަނޑޭ އަށް ހަވާލުކުރުމަކީ ދިވެހިރާއްޖޭގައި ކުޅިވަރުތަކުގެ ދާއިރާއިން ކުރިއަރަމުން އަންނަ އެންމެހާ ޒުވާނުންނަށް އިތުރަށް ކުރިއަށް ދިއުމަށް ލިބިގެންދާނެ ހިއްވަރެއްކަމަށް ގަބޫލުކުރައްވާ ކަމަށެވެ.