ރޭ އިރާކޮޅު ލ. އިސްދޫ، ކަލައިދޫ އަވަށުގެ ގެއެއްގެ ވަޅަށް ވެއްޓި މަރުވި އަންހެން ކުއްޖާއަކީ ފިޓްޖެހޭ ކުއްޖެއް ކަމަށް ރަށު އޮފީހާއި ސިއްހީ މަރުކަޒުން ބުނެފި އެވެ.

އިސްދޫ ޝާދީ ވިލާ އުމުރުން 18 އަހަރުގެ ޝާއިރާ ޔޫސުފާ ބެހޭ ގޮތުން އިސްދޫ ސިއްހީ މަރުކަޒުން ބުނީ ޝާއިރާގެ ހަށިގަނޑުން އެއްވެސް ހާނިކައެއް ފެންނަން ނެތް ކަމަށާއި ޝާއިރާ ވަޅަށްވެއްޓިފައި ވަނީ ފިޓް ޖެހިގެން ކަމަށް ގަބޫލު ކުރެއްވޭ ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށެވެ.

ސިއްހީ މަރުކަޒުން އާއިލާއާ ހަވާލާދީ އަދި ބުނީ ޝާއިރާއަކީ ފިޓް ޖެހޭ ކުއްޖެއް ކަމަށާއި އެކަމަށް އޭނާ ބޭސް ކަމުން އަންނަ ކަމަށެވެ. އާއިލާއާ ހަވާލާދީ ރަށު އޮފީހުން ވެސް ބުނީ ޝާއިރާއަކީ ފިޓްޖެހޭ ކުއްޖެއް ކަމަށެވެ.
ރޭ އިރާކޮޅު ވަޅަށް ވެއްޓި މަރުވެފައި އޮއްވައި ފެނުނު ޝާއިރާއަކީ އެ ރަށު ސްކޫލް ގްރޭޑް ނުވައެއްގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ.

ވަޅަށް ވެއްޓި މަރުވި ޝާއިރާގެ ގޭގެ، ގިފިލި ހުންނަނީ އެ ގެއާ ފުދޭވަރަކަށް ދުރުގަ އެވެ. ޝާއިރާ ވަޅަށް ވެއްޓުނުކަން އެގޭ މީހުންނަށް އެނގުނީ ރޭ، 9:00 ޖަހާއެހާކަންހާއިރު އެވެ. ނަމަވެސް ފުލުހުން ބުނެފައި ވަނީ އޭނާ އެ ހާދިސާ ހިނގާފައި 7:00 ޖަހާއެހަކަންހާއިރު ކަމަށް ލާފާ ކުރެއްވޭ ކަމަށެވެ. ވަޅު ތެރޭގައި ޝާއިރާ މަރުވެފައި އޮއްވައި ފެނުނީ އޭނާގެ ދައްތަގެ ފިރިމީހާ އަށެވެ.

އެހާދިސާ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައިވާއިރު ރޭ މެންދަމު 1:00 ޖެހިއިރު ޝާއިރާގެ ހަށިގަނޑު ވަނީ ވަޅުލައިފަ އެވެ.