11 Sep 2014, 11:11
ވިލިމާލޭ ކުޑަކުދިންގެ ޕާކް ކައިރީގައި ހުއްޓައި ނ. މާޅެންދޫ ވައިޓު ހައުސް އަހްމަދު މިރުޒާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ތިން މީހުންގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ކެންސަލް ކޮށްފައި ވަނީ ދައުލަތުން ހުށަހެޅި ހެކީން ހާޒިރު ނުކުރެވޭތީ ކަމަށެވެ.
"ހެކީން ހާޒިރު ނުކުރެވޭތީ މިއަދުގެ ޝަރީއަތް ކެންސަލް ކޮށްފައި ވަނީ،"މަނިކު ވިދާޅުވި އެވެ.
ދެހާސް އެގާރަ ވަނަ އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 5:45 އެހައިކަންހާއިރު ލަކުޑިބުރިން ހަމަލާދީ މިރުޒާ މަރާލި މައްސަލައިގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ޏ. ފުވައްމުލައް ޒާވިއާ އަބްދުﷲ ނަސީފާއި ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއުގެ އިތުރުން ގދ. ގައްދޫ ބޮކަރުގޭ އަލީ ރިފްޝާންގެ މައްޗަށެވެ.
އެމީހުންގެ ތެރެއިން ނަސީފްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ޝިފާއު އާއި ރިފްޝާންގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީސްތަކުގައި އެމީހުންގެ ތެރެއިން ނަސީފް އާއި ޝިފާއުއާ ދެކޮޅަށް ވަނީ މަންޒަރު ދުށް ބައެއް މީހުން ހެކިބަސްދީފަ އެވެ. ނަމަވެސް ރިފްޝާނާ ދެކޮޅަށް ހެކިބަސް ލިބިފައެއް ނުވެއެވެ.