11 Sep 2014, 09:55
އެޑިންބާގް (ސެޕްޓެމްބަރ 11) : އިނގިރޭސިވިލާތުގެ ރަސްކަމުގެ އިއްތިޙާދު (ޔުނައިޓެޑް ކިންގްޑަމް) އިން ސްކޮޓްލެންޑް ވަކިވެ މިނިވަންކަން އިއުލާނު ކުރުމާބެހޭ ގޮތުން އެ ސަރަހައްދުގެ ރައްޔިތުން ދެކޭ ގޮތް ބެލުމަށް ޓަކައި ނަގާ ވޯޓުގައި، މިނިވަންކަން އިއުލާނުކުރުމަށް ވޯޓު ނުދިނުމަށް އެދި އިނގިރޭސިވިލާތުގެ އެންމެ ބޮޑު ތިން ޕާޓީގެ ޒަޢީމުން ސްކޮޓްލެންޑްގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވަމުން އެބަގެންދަވަ އެވެ.
ސްކޮޓްލެންޑުން މިނިވަންކަން އިއުލާނުކުރުމަށް ޓަކައި ނަގާ ވޯޓު ނާކާމިޔާބު ކުރުމުގެ ގޮތުން އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮންގެ ކޮންޒަވެޓިވް ޕާޓީއާއި އެ ޕާޓީއާ އެކު ކޯލިޝަން ހަދައިގެންއުޅޭ ލެބަރަލް ޑިމޮކްރަޓިކް ޕާޓީ އާއި އިދިކޮޅު ލޭބަޕާޓީ ގުޅިގެން ހިންގަމުން ގެންދާ އިދިކޮޅު ކެމްޕޭނުގައި ސްކޮޓްލޭންޑްގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ވިދާޅުވީ ސްކޮޓްލެންޑް މިނިވަންކަން އިއުލާން ކުރުމަށް ވޯޓު ދިނުމަކީ އިނގިރޭސި ރަސްކަމުގެ އިއްތިޙާދު ބަލިކަށިވެ ނިކަމެތިވެގެންދާނެ ކަމެއް ކަމަށާއި މިކަން ނުކުރުމަށް އާދޭސް ކުރައްވާ ކަމުގަ އެވެ.
ލެބަރަލް ޑިމޮކްރަޓިކް ޕާޓީގެ ޒަޢީމް އަދި އިނގިރޭސި ބޮޑުވަޒީރުގެ ނައިބު ނިކް ކްލެގް ވެސް ސްކޮޓްލެންޑް ރައްޔިތުންނަށް ގޮވާލެއްވީ މިނިވަންކަން އިއުލާނުކުރުމަށް ތާއީދުކޮށް ވޯޓު ނުދިނުމަށެވެ. އިދިކޮޅު ލޭބާ ޕާޓީގެ ޒަޢީމް އެޑް މިލިބަންޑް ވިދާޅުވީ ސްކޮޓްލެންޑްގެ ރައްޔިތުންނަށް ފައިދާ ބޮޑުވާނީ އިނގިރޭސި ރަސްކަމުގެ އިއްތިޙާދުގައި ދެމިއޮތުން ކަމަށާއި މިނިވަންކަން އިޢްލާން ކުރުމަކީ އިނގިރޭސި ރަސްކަމުގެ އިއްތިޙާދު މުޅިން ބަލިކަށިވެ ރޫޅި އަދި ބައިނަލްއަގްވާމީ މުޖްތަމައުގައި އިނގިރޭސި ދައުލަތަށް ލިބިފައިވާ ބާރާއި ގަދަރާއި މަގާމު ގެއްލިގެންދާނެ ކަމެއްކަމުގަ އެވެ.
އިނގިރޭސިވިލާތުގެ ރަސްކަމުގެ އިއްތިޙާދުގައި ހިމެނެނީ އިނގިރޭސިވިލާތުގެ އިތުރުން ސްކޮޓްލެންޑާއި ވޭލްޒް އާ އަދި އުތުރުއައިލެންޑެވެ. މީގެ ތެރެއިން ސްކޮޓްލެންޑް، މިނިވަން ގައުމެއްގެ ގޮތުގައި އޮންނަން ފެނޭތޯ ބެލުމަށް ވޯޓުލުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. މިއީ ސްކޮޓްލެންޑުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްގެން ނަގާ ވޯޓެއް ކަމަށްވާ އިރު މިނިވަންކަން އިޢްލާން ކުރުމަށް ތާއީދުކުރާ ރައްޔިތުންނާއި އިނގިރޭސިވިލާތުގެ ރަސްކަމުގެ އިއްތިޙާދުގައި ސްކޮޓްލެންޑް އޮތުމަށް ތާއީދުކުރާ ރައްޔިތުންގެ ނިސްބަތް އުޅޭނީ ދާދި އެއްވަރެއްގައި ކަމަށް ޚިޔާލު ހޯދުމުގެ ސާވޭތަކުން ވަނީ ހާމަވެފަ އެވެ.
ނަމަވެސް މިވޯޓަށް އިނގިރޭސިވިލާތުގެ ލީޑަރުން ނުފޫޒު ފޯރުވައި ވޯޓުލާ މީހުންނަށް އެކި ގޮތްގޮތުން ބިރު ދައްކަމުން ގެންދާތީ މިވޯޓު އިނގިރޭސި ރަސްކަމާ ދެކޮޅަށް ކާމިޔާބު ވުމުގެ ފުރްސަތު ކުޑަކަމަށް ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)