ހެލްތު ޕްރޮޓެކްޝަންސް އެޖެންސީ އާއި އޭޝިއަން ޑިޒާސްޓާ ޕްރެޕެއަޑްނަސް ސެންޓަރާ ގުޅިގެން ހޮސްޕިޓާތަކުން ކުއްލި ހާލަތްތަކުގައި މަސައްކަތް ކުރާނެ ގޮތާ ބެހޭ ގޮތުން ކުރިއަށް ގެންދިޔަ ވޯކްޝޮޕް ނިންމާލައިފި އެވެ.

ހަފްތާއެއްގެ މުއްދަތައް ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕް ނިންމާލަން އިއްޔެ ޓްރޭޑާސް ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެ ވޯކްޝޮޕްގައި ބައިވެރިވީ ފަރާތްތަކާއި ވޯކްޝޮޕްގައި ކިޔަވައިދެއްވި ފަރާތްތަކުގެ އިތުރުން އެ ވޯކްޝޮޕް ހިންގުމުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވީ ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މުހައްމަދު ޒުހައިރު ވިދާޅުވީ ގުދުރަތީ ގޮތުން ވެސް ނުވަތަ އެހެން ގޮތަކުން ވެސް ކާރިސާއެއް މެދުވެރިވެއްޖެ ނަމަ އަބަދު ވެސް އޮންނާނީ އެކަންކަމަށް އާންމުން ހޭލުންތެރި ކުރުވައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ވަގުތު ފާއިތުވެފައި ކަމަށެވެ. އެހެންކަމުން އަބަދު ވެސް ތައްޔާރުވެ ތިބެ ރަށު ފެންވަރުގައި އެފަދަ ކަންކަމަށް އިޖާބަދެވޭ ވަރަށް ހުނަރާއި ގާބިލުކަން އިތުރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަދަ ހާދިސާތަކުން އިންސާނުންގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި މުދަލާއި ގެދޮރަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޓަކައި. އަޅުގަނޑުމެން މި އުޅެނީ ކުދިކުދި ބިން ތިރި ވަށައިގެން ކަނޑު އޮތް ރަށްތަކެއްގައި. އެހެންވީމަ މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ކަންކަމުން ސަލާމަތްވުމަށް މިފަދަ ވޯކްޝޮޕްތައް ހިންގައިގެން ނަމަވެސް ތައްޔާރުވެ ތިބުން ވަރަށް މުހިންމު،" ޒުހައިރު ވިދާޅުވި އެވެ.

އެ ވޯކްޝޮޕްގައި ކިޔަވައިދެއްވި ޑރ. ފާޔާ ވިދާޅުވީ އެ ވޯކްޝޮޕަކީ ހުރިހާ ގޮތަކުން ވެސް އޭގެ ފައިދާ ޑޮކްޓަރުންނަށް ކުރާނެ ވޯކްޝޮޕެއް ކަމަށާއި އެ ވޯކްޝޮޕްގެ ބޭނުމަކީ ދިމާވެދާނެ ކުއްލި ހާލަތްތަކަށް ހޮސްޕިޓަލްތައް ހޭލުންތެރި ކުރުވުން ކަމަށެވެ.

ކުއްލި ހާލާތެއް ކުރިމަތިވެއްޖެ ނަމަ ކަންތައް ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލެވޭނެ ގޮތް އެ ވޯކްޝޮޕްގައި ވަނީ ދަސްކޮށްދީފަ އެވެ.

އެޗްޕީއޭ އިން ބުނީ އެ މުއައްސަސާގެ އުއްމީދަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ މޭޖާ ހޮސްޕިޓަލަކަށް އަދި އަތޮޅު ފެންވަރުގެ ކޮންމެ ހޮސްޕިޓަލަކަށް ވެސް މިފަދަ ޕްލޭނެއް ހެދިގެން ދިއުން ކަމަށެވެ.