11 Sep 2014, 09:21
އައިއެސް ޖަމާއަތް ނައްތާލުމުގެ ނަމުގައި ބައިނަލްއަގްވާމީ އިއްތިޙާދެއް ހަދައިގެން އެމެރިކާ ކުރަންއުޅޭ ހަނގުރާމައަކީ އެމެރިކާގެ އަމިއްލަ ސިޔާސީ މަގްސަދްތަކެއް ޙާސިލު ކުރުމުގެ އިތުރުން ރައީސް ބަރަކް އޮބާމާ ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ ސިޔާސީ އެޖެންޑާއެއް ހާސިލް ކުރުމަށް ޓަކައި ކުރަންއުޅޭ ކަމެއް ކަމަށް މުޙައްލިލުން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ހަރަކާތްތަކާއި ސިޔާސަތުތައް ދިރާސާ ކުރައްވާ މުޙައްލިލުން ވިދާޅުވާ ގޮތުން އައިއެސްއާ ދެކޮޅަށް ކަމަށްބުނެ އެމެރިކާ ކުރަންއުޅޭ ހަނގުރާމައިގެ އެއްބޭނުމަކީ އަރަބި ރަބީއުގެ ކޮޅިގަނޑަށް ފަހު އިރާގާއި މެދުއިރުމަތީގެ އެހެންގައުމުތަކުގައި ދަށަށްގޮސްފައިވާ އެމެރިކާގެ ބާރާއި ނުފޫޒު އަލުން ހޯދުމަށް އެމެރިކާގެ ހަރުކަށި ފަރާތްތަކުން އޮބާމާ އަށް ކުރިމަތިވަމުންދާ ސިޔާސީ ފިއްތުންތަކުން ސަލާމަތްވުމެވެ.
މީގެ އިތުރުން އަރަބި ގައުމުތަކުގައި ބާރުގަދަކުރަމުން ގެންދާ ހަނގުރާމަވެރި ޖާމާއަތްތަކުގެ ނުރައްކަލުން އިސްރާއީލު ޙިމާޔަތް ކުރުމާއި އެމެރިކާގައި ކުރިޔަށް އޮތް ކޮންގްރެސްގެ އިންތިޚާބުގައި ރައްޔިތުންގެ ތާއީދު އޮބާމާގެ ޑިމޮކްރެޓިކް ޕާޓީ އަށް ހޯދުމަށް މަގުފަހިކުރުމަކީ ވެސް އައިއެސް ނައްތާލުމުގެ ނަމުގައި ބައިނަލްއަގްވާމީ އިއްތިޙާދެއް ހަދައިގެން އެމެރިކާ ހިންގަންއުޅޭ ކަންތައްގަނޑުގެ މަގްސަދެއް ކަމަށް މިފަރާތްތަކުން ދެކެ އެވެ. ފަލަސްތީނުގެ ޙަމާސް ޖަމާއަތުގެ ކުރިމަތީގައި އިސްރާއީލު ބަލިކަށިވެފައިވާ ކަމުގެ އިހްސާސް އެމެރިކާ ކުރަންޖެހުމާ އެކު އިރާގާއި ސޫރިޔާ ފަދަ ގައުމުތަކުގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާގެ އާރާއި ބާރުދައްކާލައި އެމެރިކާގެ ބޮމުގެ ޙަމަލާތަކުގައި އެތައް ބަޔަކު މަރުވެގެންދާތަން ފެނުމަކީ އެމެރިކާގެ އާރާއި ބާރު އެމެރިކާގެ ރައްޔިތުންނަށް އިޙްސާސް ކުރެވޭނެ ކަމެއް ކަމަށްވެ އެވެ. މިކަމުގެ ސަބަބުން ކުރިޔަށް އޮތް ކޮންގްރެސްގެ އިންތިޚާބުގައި އެމެރިކާގެ އާންމުންގެ ތާއީދު އޮބާމާގެ ޑިމޮކްރެޓިކް ޕާޓީ އަށް ލިބިގެންދާނެ ކަމެއްކަމުގެ ލަފާ އެޕާޓީގެ އިސްފަރާތްތަކުން އޮބާމާއަށް އަރުވާފައިވާ ކަމަށް ވެސް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
މީގެ އިތުރުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ފޮރުވުމާއި ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ އަނިޔާވެރި ހިސާރުގެ ފިޔަވަޅުތަކުގެ މައްސަލަ އޮއްބާލައި އެކަމުގެ އަޑުކަނޑުވާލުމަކީ ވެސް އައިއެސް ނައްތާލުމުގެ ނަމުގައި އެމެރިކާ ހިންގަންއުޅޭ ކަންތައްގަނޑުގެ އަމާޒެއް ކަމަށް މުޙައްލިލުން ދެކެ އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވަނީ އިރާގާއި ސޫރިޔާގެ ބޮޑު ސަރަހައްދެއް ހިފައިގެން އުޅޭ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ފުޅާވެ ބޮޑުވަމުންދާތަން ބަލަން ދުނިޔެ ނޯންނާނެކަމަށް ވިދާޅުވެ އިއްޔެ ވާހަކަ ދައްކަވާފަ އެވެ. އައިއެސް ނައްތާލުމުގެ ނަމުގައި އެމެރިކާގެ ރައީސް އިޢްލާން ކުރައްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް ބޭނުންވާ އެއްބާރުލުން އިސްލާމީ ގައުމުތަކުން ހޯދުމަށްޓަކައި މެދުއިރުމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިރާގަށް ވަޑައިގެން ކެރީ ވިދާޅުވީ އިރާގުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ އައިއެސް ކަމުގަ އެވެ. އައިއެސް ނައްތާލުމަށް ކުރާ ބައިނަލްއަގްވާމީ ހަނގުރާމައިގެ ކުރީ ސަފުގައި ތިބެންޖެހޭނީ އިރާގު ސިފައިން ކަމަށާ މިކަމަށް ޓަކައި އެމެރިކާ، އިރާގުގެ ސިފައިންނަށް ތަމްރީނާއި ޒަމާނީ ހަތިޔާރުދީ އެމީހުން ބާރުގަދަ ލަޝްކަރަކަށް ހަދައިދޭނެ ކަމަށް ވެސް ކެރީ ވިދާޅުވި އެވެ.
ކެރީ އަރަބި ގައުމުތަކަށް ވަޑައިގެން މިއުޅުއް ވަނީ އައިއެސް ޖަމާއަތް ނައްތާލުމުގެ ނަމުގައި އެކުލަވާލުމަށް އެމެރިކާ މަސައްކަތްކުރާ ބައިނަލްއަގްވާމީ އިއްތިޙާދުގެ ކުރީ ސަފުގައި އަރަބި ގައުމުތައް ބޭތިއްބުމަށާއި އައިއެސް ނައްތާލުމަށް ކުރާ ހަނގުރާމައަށް ބޭނުންވާ ސިޔާސީ އަދި މާލީ އެހީތެރިކަމުގެ ބޮޑުބައި ތެލުގެ ގޮތުން މުއްސަނދި އަރަބި ގައުމުތަކުން ހޯދުމުގެ ބޭނުމުގައި ކުރައްވާ ދަތުރުފުޅެއް ކަމަށް ވަނީ ބެލެވިފަ އެވެ. އޮބާމާ އިއްޔެ ވިދާޅުވެފައި ވަނީ އައިއެސް ނައްތާލުމަށް އަޅަން ޖެހޭ އަސްކަރީ ފިޔަވަޅުތައް ކޮންގްރެސްގެ ހުއްދައަކާނުލައި އެޅުމުގެ ރިޔާސީ ބާރުތައް އޭނާ އަށް ލިބިވަޑައިގެންފައިވާ ކަމަށާ މިބާރުތަކުގެ ބޭނުން ވަރަށް ފުރިހަމައަށް ކުރައްވާނެ ކަމުގަ އެވެ.
އިރާގުގައި ބަދަލުހިފުމުގެ ރޫހެއްގައި ހަރަކާތްތެރިވަމުންދާ އައިއެސް ޖަމާއަތަކީ އެ ޖަމާއަތުގެ ވިސްނުމާ އިދިކޮޅު ކޮންމެ ބަޔަކީ ވެސް އިސްލާމްދީނުން ބޭރުވެފައިވާ ކާފަރުން ކަމަށް ނިންމައި އެމީހުންގެ ލޭ ހުއްދަކޮށް މެރުމުގެ ހަރުކަށި އަމަލުތައް ހިންގަމުން ގެންދާ ޖަމާއަތެކެވެ. އައިއެސްއިން އެމެރިކާގެ ދެމީހެއްގެ ކަރުބުރިކޮށް ކަތިލާލައިގެން މަރާލާފައިވީ ނަމަވެސް އެ ޖަމާއަތުގެ އަނިޔާވެރިކަމާއި މީހުން މެރުމުގެ ޖަރީމާތަކުގެ ޝިކާރައަކަށް ބޮޑަށް ވެފައި ވަނީ އިރާގާއި ސޫރިޔާގެ ރައްޔިތުންނެވެ. އަދި އައިއެސްގެ ފިކުރު ގަބޫލުނުކުރާ ސުންނީންނާ މެދުވެސް އެޖަމާއަތުން ކަންތައް ކުރަމުން ގެންދަނީ މިފަދަ ހަރުކަށި އުސޫލަކުންނެވެ.
އިރާގާއި ސޫރިޔާގެ ބޮޑުބައެއް އައިއެސް ޖަމާއަތުގެ އަތްދަށަށް ގޮސްފައި ވަނީ އެޖަމާއަތުގެ ހަމަލާތަކުގެ ކުރިމަތީގައި އިރާގު ސިފައިންގެ ލަޝްކަރުތައް ބަލިކަށިވެގެން ދިޔުމާ އެކު އިރާގު ސިފައިންގެ ގިނައަދަދެއްގެ ހަތިޔާރު ގުދަންތަކާއި ބޭންކްތައް އެ ޖަމާއަތުގެ އަތްދަށަށް ދިޔުމުގެ ސަބަބުންނެވެ. މީގެއިތުރުން ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ސޫރިޔާގެ ލަޝްކަރުތައް ދާޚިލީ ހަނގުރާމައިގާ ތާށިވެފައިވުމަކީ ވެސް އައިއެސްއަށް ފުރްސަތު ތަކެއް ލިބިގެންދިޔަ ކަމެކެވެ.
މީގެ އިތުރުން އިރާގުގައި އެމެރިކާ ހިންގާފައިވާ އަނިޔާވެރި އަމަލުތަކާއި ހަނގުރާމައިގެ ޖަރީމާތަކުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކާއި އިރާގުގެ ކުރީގެ ބޮޑުވަޒީރު ނޫރީއަލްމާލިކީގެ ސަރުކާރުން އެގައުމުގެ ސުންނީންނާ މެދު ހިންގާފައިވާ ހަރުކަށި އަމަލުތަކުގެ ސަބަބުން އިރާގު ސަރުކާރު ދެކެ ރުޅިއަންނަ ސުންނީ ބައެއް ގަބީލާތަކުގެ ތާއީދު އައިއެސްގެ ހަނގުރާމަވެރިންނަށް ލިބިގެންދިޔުމަކީ ވެސް އިރާގުގެ ބޮޑުސަރަހައްދެއް ހިފުމުގައި އެ ޖަމާއަތަށް ކާމިޔާބު ލިބިގެންދިޔަ ސަބަބެއް ކަމަށް ވަނީ ބެލެވިފަ އެވެ. އައިއެސް ޖަމާއަތާމެދު އަވަށްޓެރި އަރަބި އަދި އިސްލާމީ ގައުމުތަކުންނާއި އިސްލާމީ ދަންނަބޭކަލުން ދެކެނީ އެޖަމާއަތަކީ އެގައުމުތަކަށާއި މާތްވެގެންވާ އިސްލާމް ދީނަށްވެސް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގަ އެވެ. (ނޫސްއެޖެންސީތައް)