10 Sep 2014, 22:53
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުރިހާ ދިވެހި ކަސްޓަމަރުންނަށް ވިސާ ޑެބިޓް ކާޑު ދޫކުރަން ނިންމައި އެ ފުރުސަތު ހުޅުވާލި ފުރަތަމަ މަސް ދުވަހުގެ ތެރޭގައި 2089 ކާޑު ހެއްދުމަށް އެޕްލިކޭޝަން ހުށައަޅާފައިވާ ކަމަށް ބޭންކުން ބުނެފި އެވެ.
ހުރިހާ ކަސްޓަމަރުންނަށް ވިސާ ކާޑު ދޫކުރުމަށް ބީއެމްއެލްއިން ނިންމާފައި ވަނީ މިދިޔަ ޖުލައި މަހުގެ ހަ ވަނަ ދުވަހުއެވެ.
ބީއެމްއެލްގެ މީޑިއާ އޮފިޝަލަކު މިއަދު 'ސަން'އަށް ވިދާޅުވީ އެ ބޭންކުން ދިވެހި ހުރިހާ ކަސްޓަމަރުންނަށް ވިސާ ޑެބިޓް ކާޑް ހައްދައިދޭން ފެށުމުން ގިނަ ބަޔަކު އެޕްލިކޭޝަން ފޯމް ހުށަހަޅަމުން އަންނަ ކަމަށެވެ. އެގޮތުން ފުރަތަމަ ދުވަހު ވެސް 59 ވިސާ ޑޭބިޓް ކާޑު އަލަށް ހެއްދުމަށް އެޕްލިކޭޝަން ހުށަހަޅާފައި ވާއިރު ފުރަތަމަ މަސް ދުވަހުގެ ތެރޭގައި 2089 ކާޑް ހެއްދުމަށް އެޕްލިކޭޝަން ހުށައަޅާފައިވާ ކަމަށެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކްގެ ހުރިހާ ދިވެހި ކަސްޓަމަރުންނަށް ވިސާ ޑެބިޓް ކާޑު ދޫކުރާ އިރު ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް ޚާއްސަ އިސްކަމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން ބީއެމްއެލްގެ އޭޓީއެމްތަކުން ދުވާލަކު 10،000 ރުފިޔާ ނެގޭ އިރު ބޭރުގެ އޭޓީއެމްތަކުން 200 ޑޮލަރަށްވާ ފައިސާ ނެގޭނެ އެވެ. އަދި ބޭރުގެ ޕީއޯއެސް މެދުވެރިކޮށް ދުވާލަކު 400 ޑޮލަރުގެ ޓްރާންސެކްޝަން ހެދޭނެ އެވެ.