އެމެރިކާގެ ނިއުޖާޒީގައި ރޭ ކުޅުނު ރަހުމަތްތެރިކަމުގެ މެޗެއްގައި އިނގިރޭސިވިލާތުގެ ޗެލްސީއަށް ކުޅޭ މިޑްފީލްޑަރު ވިލިއަން ޑަ ސިލްވާ ޖަހައިދިން ލަނޑުން 1-0 ލަނޑުން އިކުއެޑޯ މައްޗަށް ބްރެޒިލުން ކުރި ހޯދައިފި އެވެ.

މިމެޗަށް ބްރެޒިލްގެ ކޯޗު ޑުންގާވަނީ އެންމެ އެޓީމު ފަހުން ކުޅުނު މެޗަށް ނެރުނު ފުރަތަމަ 11 އަށް ދެ ބަދަލެއް ގެނެސްފައެވެ.

އިކުއެޑޯ އިން ވެސް ވަނީ ބޮލީވިޔާ އަތުން އެންމެފަހުން އެޓީމު 4-0 ލަނޑުން ބަލިވި މެޗަށް ނެރުނު ފުރަތަމަ 11 އަށް ހަތަރު ބަދަލެއް ގެނެސްފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބްރެޒިލް ކާމިޔާބު ކުރީ ފުރަތަމަ ހާފްގެ 31 ވަނަ މިނިޓްގަެވެ. ވިލިއަން އެ ލަނޑު ކާމިޔާބުކުރީ ސްޕެއިންގެ ބާސެލޯނާއަށް ކުޅޭ ހުނަރުވެރި ފޯވާޑް ނޭމާ ދިން ބޯޅައަކުން ނެވެ.

މެޗުގެ ދެވަނަ ހާފްގައި ބްރެޒިލްގެ ނޭމާއަށް ވަނީ ހުސް ދެ ފުރުސަތެއް ލިބި ބޭކާރު ކޮށްލާފައެވެ. ހަމަ އެހެންމެ އިކުއެޑޯއިން ބްރެޒިލްގެ ގޯލަށް ނުރައްކާ ކުރަވެފައިވަނީ ވަރަށް މަދު ފަހަރެއްގައެވެ.

މިއީ ދެވަނަ ފަހަރަށް ބްރެޒިލްގެ ކޯޗުކަމާއި ހަވާލުވި ޑުންގާގެ އިރުޝާދުގެ ދަށުން ބައިކޮޅަށް ގޯލެއް ވައްދާ ނުލާ ބްރެޒިލް ނިންމާލި ދެވަނަ މެޗެވެ.

ރޭ ކުޅުނު އެކުވެރި ކަމުގެ ބައެއް މެޗުތަކަށް ބަލާއިރު ކެނެޑާއިން ވަނީ ޖެމެއިކާގެ މައްޗަށް 3-1 ލަނޑުން ކުރި ހޯދާފަ އެވެ. ޗިލީ، ހެއިޓީއާ ވާދަކުރި މެޗު 1-0 ލަނޑުން ޗިލީ ކާމިޔާބު ކުރިއިރު ބޮލީވިޔާ ވަނީ 1-0 ލަނޑުން މެކްސިކޯ އަތުން ބަލިވެފައެވެ.