ރަހުމަތްތެރިކަމުގެ މެޗެއްގައި ޖާޕާނާއި ވެނެޒުއޭލާ ވާދަކޮށް 2-2 ލަނޑުން އެއްވަރު ވެއްޖެ އެވެ.

ޖަޕާންގެ ޔޮކަހާމާގެ ނިސާން ސްޓޭޑިއަމްގައި ކުޅުނު އެމެޗުގެ ފުރަތަމަ ލަނޑުޖަހައި ޖަޕާނުން ލީޑުނެގީ މެޗުގެ 51 ވަނަ މިނިޓްގައެވެ. ޖަޕާންގެ މިލަނޑު ކާމިޔާބު ކޮށްފައިވަނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޔުނިޝިރޯ މުޓޯގެ އަމިއްލަ މަސައްކަތުންނެވެ. މިއީ މުޓޯ ކާމިޔާބު ކުރި ބައިނަލްއަގްވާމީ ފުރަތަމަ ލަނޑެވެ.

ވެނަޒުވޭލާއިން ފުރަތަމަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރު ކުރީ މެޗުގެ 58 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން މާރިޔޯ ރޮންޑަން އެވެ. މެޗުގައި ދެވަނަ ފަހަރަށް ޖަޕާނުން ލީޑްނަގާފައި ވަނީ 66 ވަނަ މިނިޓްގައި އޮކަޒާކީ ނަގަދިން ހުރަހަކުން ގަކޫ ޝިބަސަކީ އެވެ.

އެންމެ ފަހުން ކުޅުނު ފަސްމެޗުން ވެސް މޮޅުވެފައި ނުވާ ޖަޕާން އުންމީދުތައް ފެނަށް ދިޔައީ މެޗު ނިމެން 19 މިނިޓަށް ވެފައި ވަނިކޮށް ވެނެޒުއޭލާ އިތުރު ލަނޑެއް ޖަހައި ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމުންނެވެ. މި ލަނޑު ވެނެޒުއޭލާ އިން ޖަހައިފަވަނީ ޖަޕާނުން ލީޑު ނެގިތާ ހަ މިނިޓް ފަހުން މެޗުގެ 71 ވަަނަ މިނިޓްގައި ޖަޕާންގެ ކީޕަރު ކަވަޝީމާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ވެނެޒުއޭލާގެ ގެބްރިޔަލް ސިޗުރޯއެވެ. ޖަޕާންގެ ކޯޗުކަމާ ސާޖިޔޯ އަގުއެރީ ހަވަލުވި ފަހުން އަދި އެ ޓީމު މެޗަކުން މޮޅުވެފައެއް ނުވެއެވެ.

އިއްޔެ ކުޅެވުނު އެކުވެރިކަމުގެ އެހެން މެޗްތަކަށް ބަލާއިރު އިންޑޮނޭޝިޔާ އާއި ޔަމަނު ވާދަކުރި މެޗު ވަނީ ލަނޑެއް ނުޖެހި އެއްވަރު ވެފައެވެ. ޗައިނާ އާއި ޖޯޑަން ކުޅުނު މެޗު 1-1 ލަނޑުން އެއްވަރު ވެފައިވާ އިރު ސިންގަޕޫރާއި ހޮންކޮންގް ވާދަކުރި މެޗުވެސް ނިމިފަވަނީ ލަނޑެއް ނުޖެހި އެވެ. ކުވެއިތު 1-0 ލަނޑުން ބަހްރެއިން ބަލި ކުރިއިރު ޕެރޫވަނީ 1-0 ލަނޑުން ގަތަރު ބަލިކޮށްފައެވެ.