10 Sep 2014, 18:33
ފޮތާއި ޅެން ފާސްކުރާ ގޮތަށް ހަމަޖެއްސުމަށް ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން އިން އިއްޔެ ނެރުނު "ދިވެހި ރާއްޖޭގައި ޝާއިއުކުރާ އަދަބިއްޔާތު ފާސްކުރުމުގެ ގަވާއިދު" އިސްލާހު ކުރުމަށް މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.
އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ގަވާއިދަކީ ގާނޫނު އަސާސީއާ ފުށުއަރާ ގަވާއިދެއް ކަމަށް އެ ޖަމްއިއްޔާއިން ދެކޭ ކަމަށާއި އެހެންކަމުން އެ ގަވާއިދު ވަގުތުން އިސްލާހު ކުރުމަށް ގޮވާލާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ މިނިވަން ކަމާ އެކު ފިކުރު ކުރުމާއި އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާ ގޮތެއްގެ މަތީން އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ހިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއް ކަމަށް ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި އެ މާއްދާގައި ހިޔާލުފާޅު ކުރުމުގެ ދޮރު ގާނޫނަކުން ހަނިކުރެވޭނެ ކަމަކަށް ބަޔާންކޮށްފައިނުވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އެ ގަވާއިދާ ގުޅޭގޮތުން އިންފޮމޭޝަމް ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ އެއީ ލިޔުންތެރިން ރުޅި އަރުވަން ނެރެފައިވާ އެއްޗެއް ކަމަށެވެ. އެކަމާ ގުޅިގެން އަޒީ ވަނީ ޔޫތު މިނިސްޓަރް މުޙައްމަދު މަލީހު ޖަމާލާ މިއަދު މަޝްވަރާ ކުރައްވައިފަ އެވެ.
އަޒީ ވިދާޅުވީ، ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ އިސްވެރިންނާ ވެސް މިއަދު ބައްދަލުކުރެއްވި ކަމަށާއި އެގޮތުން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި، ގަވާއިދަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް އެ ބޭފުޅުން ވިދާޅުވި ކަމަށެވެ.