10 Sep 2014, 17:14
ހައުސިން މިނިސްޓަރުގެ ބަދަލުގައި ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރުވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް އަންގައިފި އެވެ.
ގަމު ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ސުނާމީ ކާރިސާއާ ގުޅިގެން ބިނާކުރި ގެތަކުގެ ތެރެއިން ބައެއް މީހުންނަށް ގެ ހަވާލުކޮށްފައި ނުވާ ކަމަށް ބުނެ އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
ގަމު ކޯޓުގެ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހަށް ދައުލަތުގެ ވަކީލުން ހާޒިރުވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު އެ ކޯޓަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެ އެންގުމާ ގުޅޭގޮތުން ކޯޓުން ވަކި ޖަވާބެއް ދީފައި ނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު ކޯޓަށް ހާޒިރުވާން އަންގާފައި ވަނީ އެ މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް އެ މިނިސްޓްރީން ބޭފުޅަކު ކޯޓަށް ހާޒިރުވުމަށް މީގެކުރިން އެންގި އެންގުމާ އެއްގޮތަށް އަމަލު ކޮށްފައި ނުވާތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.