ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު ބާތިލް ކުރުމަށް ގާނޫނީ ވަކީލުންތަކެއް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލީ ކަމަށް ފަނޑިޔާރު ޔޫސުފް ހުސައިން އިއުލާން ކުރެއްވީ ދެ ފަރާތުން ވެސް މައްސަލައާ ގުޅޭގޮތުން ވާހަކަދައްކައި ނިމުމުންނެވެ.

ފަނޑިޔާރު ޔޫސުފް ހުސައިން ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރުމުގައި އިތުރުކަމެއް ސާފުކުރަން ޖެހިއްޖެނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެހެންނޫންނަމަ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ހުށަހަޅުއްވަމުން ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަނުން އެ އުސޫލު އެކުލަވާފައި ވަނީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ އާއި އަދި ހައިކޯޓުން މީގެކުރިން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

ދައުވާ އަށް ޖަވާބުދާރީވަމުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ވަކީލާ ޒޫނާ މުހައްމަދު ވިދާޅުވީ ގަވާއިދުތައް ހެދުމުގެ ބާރަކީ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.

ޒޫނާ ވިދާޅުވީ އެ އުސޫލު އެކުލަވާލާފައި ވަނީ ހައިކޯޓުގެ ގަޒިއްޔާގައި ކަނޑައަޅާފައިވާ ނިންމުންތަކަށް ފުރިހަމައަށް ރިއާޔަތް ކުރުމަށްފަހު ކަމަށާއި އެ އުސޫލު ގާނޫނު އަސާސީއާ ޚިލާފު ކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ.
އެ މައްސަލައިގައި މައްސަލަ ހުށަހެޅުއްވި ފަރާތުން ވަނީ އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ހުއްޓުވައިދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައެވެ.

އެކަމާ ގުޅޭގޮތުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ކުރި ސުވާލު ތަކަށް ޖަވާބު ދެއްވަމުން އަނަސް ވިދާޅުވީ ހިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރުމުގެ ކުރިން ކޯޓުން އެ މައްސަލަ ނިންމައިފިނަމަ ވަގުތީ އަމުރާ މެދު ގޮތެއް ނުނިންމިޔަސް މައްސަލައެއް ނެތް ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ނުވަ ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ. އެއީ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ގާޒީ މުހުތާޒު ފަހުމީ އާއި ސިވިލް ކޯޓުގެ ގާޒީ ހުސައިން މަޒީދާއި އެ ކޯޓުގެ ގާޒީ އަބްދުﷲ ޖާމީލް މޫސާ އާއި ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދުގެ އިތުރުން ހުޅުމާލޭ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ ހަސަން އަލީ އެވެ.
އެބޭފުޅުންގެ ތެރެއިން އަބްދުﷲ ދީދީ އަކީ ޖޭއެސްސީގެ ކުރީގެ ނައިބު ރައީސް އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅަކު އިންތިޚާބު ކުރަންޖެހިފައި ވަނީ އެ ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަހްމަދު ޝަރީފް އަލީ ޖުވެނައިލް ކޯޓަށް ބަދަލުކުރުމާ ގުޅިގެންނެވެ.