ސޯޝަލް މީޑިއާގައި އާއްމު ކުރާ އަދަބީ އުފެއްދުންތަކާއި ރަޖިސްޓްރީ ކޮށްގެން ހިންގާ އޮންލައިން ނޫސްތައް އިއްޔެ ގެޒެޓްކުރި ދިވެހި ރާއްޖޭގެ އަދަބިއްޔާތު ފާސްކުރުމުގެ ގަވައިދުން އިސްތިސްނާ ވާނެ ކަމަށް ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން ( އެންބީސީ) އިން ބުނެފި އެވެ.

އެބިއުރޯ އިން މިހެން ބުނީ ގަވައިދާ ގުޅޭ ގޮތުން ބައެއް ފަރާތްތަކަށް އޮޅުން އަރާފައިވާ ކަމަށް ބުނެ، ދާދި ދެންމެ ނެރުނު ބަޔާނެއްގަ އެވެ.

"...ނަމަވެސް ސޯޝަލް މީޑިޔާތަކާއި ދިވެހި ރާއްޖޭގައި ރަޖިސްޓްރީކުރެވިގެން އޮންލައިންކޮށް، ނުވަތަ ޗާޕްކުރެވިގެން ނުކުންނަ ނޫސް މަޖައްލާތަކުގައި ޝާއިއުކުރާ ތަކެއްޗަކީ މިގަވައިދުގެ ދަށުން އިސްތިސްނާވެގެންވާ ތަކެތިކަމުގައި ދަންނަވަމެވެ. ނޫސް މަޖައްލާ ފަދަ ތަކެއްޗަކީ ގާނޫނު ނަމްބަރު 47/78 ( ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު)ގެ ދަށުން ރަޖިސްޓްރީ ކުރެވިގެން ދައުލަތުގެ ކަމާބެހޭ އިދާރާއެއްގެ ބެލުމުގެ ދަށުން ހިނގަމުންދާ ތަކެއްޗެވެ،" ބަޔާނުގައިވެ އެވެ.

އެ ގަވާއިދުގައި ބުނެފައި ވަނީ ރާއްޖޭގައި ފޮތާއި ޅެން ޝާއިއު ކުރަންވާނީ އެންބީސީ އިން ފާސް ކުރުމަށް ފަހު ކަމަށެވެ. އަދި އެގަވައިދު މާނަކުރުމަށް ހިމަނާފައިވާ ބައިގައި "ޝާއިޢުކުރުން" ކަމަށް ބުނެފައި ވަނީ "ލިއުމެއް" ފޮޓޯއެއް ނުވަތަ ކުރެހުމެއް ޗާޕްކޮށްގެން ނުވަތަ އިލެކްޓްރޯނިކްކޮށް މީހުންގެ ތެރެއަށް ނެރުމަށެވެ. އޭގެ ތެރޭގައި އިންޓަނެޓްމެދުވެރިކޮށް އާއްމުކުރުން ވެސް ހިމެނޭ ކަމަށް ކަނޑައަޅައި ބުނެފައި ވެސްވެ އެވެ.