10 Sep 2014, 16:27
ނ. ކެނދިކުޅުދޫ ކުޅިން އެތައްހާސް ބޭންގް މަރުވެ މުޅި އެ ރަށުގައި ކުނިވަސް ދުވަން ފަށާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
އެ ރަށު ކައުންސިލްގެ ރައީސް ހަމްދޫން އަލީ މިއަދު ސަން އަށް ވިދާޅުވީ އެ ބޭންގްތައް މަރުވެފައިވަ އިނީ ކުއްލި ގޮތަކަށް މިއަދު ކަމަށާއި އެކަން ކައުންސިލަށް ހުށައެޅީ އެ ރަށުގެ ތެރޭގައި ކުނިވަސް ދުވާތީ އާންމު ރައްޔިތުން ކަމަށެވެ.

ކެނދިކުޅުދޫ ކޯރުގައި ބޭންގްތައް މަރުވެފައި-- ސަން ފޮޓޯ ކިއުންތެރިއެއް
"މިއަދު ހެނދުނު މައުލޫމާތު ލިބުނީ ކުނިވަސް ދުވާކަމަށް، ވަރަށް ގިނަ ގިނަ އަދަދެއްގެ ބޭންގް ވަނީ މަރުވެފައި. ލަފާކުރެވޭ 2000 އަށް ވުރެ ގިނަވާނެ، މަރުވި މަަސް،" 1850 މީހުންގެ އާބާދީއެއް އޮންނަ ކެނދިކުޅުދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އެ ރަށު ކޯރަކީ ދިގުމިނުގައި ގާތްގަނޑަކަށް މެއިލެއް ހުންނަ އަދި ފުޅާ މިނުގައި 300 ފޫޓް ފުޅާ ކޯރެކެވެ. ބޭންގަކީ ކޯރުތަކުގައި ގިނައިން އުޅެ ވަރަށް ކަށި ގިނަ ބާވަތުގެ މަހެކެވެ.

ކެނދިކުޅުދޫ ކޯރުގައި ބޭންގްތައް މަރުވެފައި-- ސަން ފޮޓޯ ކިއުންތެރިއެއް
ހަމްދޫން ވިދާޅުވީ އެހާ ގިނަ ބޭންގްތަކެއް ކުއްލިއަކަށް މަރުވަން ދިމާވި ސަބަބެއް ބުނަން އަދި އެނގިވަޑައި ނުގަންނަވާ ކަމަށާއި ފެންނަ ފެނުމުން އެ ކޯރަށް ވެސް އެއްވެސް އެއްޗެއް އަޅާފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.
މީގެ އެހެން ފަހަރުތަކުގައި ވެސް އެކޯރުން މަދުން ނަމަވެސް ބޭންގް މަރުވާ ކަމަށާއި އެކަން ވަނީ އާދަޔާއި ހިލާފަށް ހޫނު ގަދަވުމުން ކަމަށާއި މިދުވަސް ވަރަކީ އެކަހަލަ ހޫނު ދުވަސްވަރެއް ނޫން ކަމަށް ހަމްދޫން ވިދާޅުވި އެވެ.
ހަމްދޫން ވިދާޅުވީ އެ މަސްތައް ވަޅުލުމުގެ މަސައްކަތް އަދިނުކުރާ ކަމަށާއި އެކަން ކުރާނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވަކި އެއްޗެއް އެންގުމުން ކަމަށް ވިދާޅުވި އެވެ.