ބޭރުބަޔަކާ ގުޅިގެން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތަކަށް އެދިއްޖެ އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ވަކީލަކު ހަމަޖައްސަން ފަސް ދުވަހުގެ މުއްދަތެއް ގ. ޓްރަސްޓްހޯމް، އިސްމާއީލް މޫސާ އާއި ހ. އެވާޕީސް، އަބްދުﷲ ސަފްވަތަށް ގާޒީ ވަނީ ދެއްވާފައެވެ. ނަމަވެސް އޭގެފަހުން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ދެ މީހުން ވެސް ބުނީ އަމިއްލައަށް ވަކީލަކު ހަމަޖެއްސޭނެ ގޮތެއް ނުވި ކަމަށާއި އެހެންކަމުން ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށެވެ.

އެ ދެ މީހުންގެ އެދުމުގެ މަތިން ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސަން 15 ދުވަހުގެ ފުރުސަތެއް ގާޒީ ވަނީ ދެއްވާފަ އެވެ.

ގާޒީ ވިދާޅުވީ ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސުމަށް ފޯމް ހުށަހަޅަންޖެހޭނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ކަމަށާއި ފުލުސް އޮފީހުގައި އެދުމުން އެކަން ހަމަޖައްސައިދޭނެ ކަމަށެވެ. އަދި ކޯޓުން ވެސް އެކަން ފުލުސް އޮފީހަށް އަންގާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އެ ދައުވާގެ އިތުރުން އެ ދެ މީހުންގެތެރެއިން އިސްމާއީލް މޫސާގެ މައްޗަށް އުފުލާފައިވާ ކެނަބިހުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ މައްސަލައަށް އަމިއްލައަށް ވަކީލަކު ހަމަޖައްސަން ކޯޓުން ވަނީ އިތުރު ފުރުސަތެއްދީފަ އެވެ.

ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވެފައި ވަނީ އެ ދެ މީހުން މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހުގެ ރޭ 9:30 އެހައިކަންހާއިރު ކަމަށެވެ.

ހޮރުމޯޒު ނަމަކަށް ކިޔާ އީރާނުގެ ބޯޓުން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ، ޑިންގީއެއްގެ ކައްޅި ތަކުގެ ތެރެއަށްލައި ފައިބަރުޖަހައި ބަންދުކޮށްގެނެވެ. އެ ތަކެތި ބަލައި ހޮރުމޯޒު ބޯޓަށް ދިޔަ މީހުން ފުލުހުން އަތުލައިގަތީ، އއ. މަތިވެރިއާ ދިމާލުން 30 ނޯޓިކަލް މޭލު ބޭރުން މަސްތުވާތަކެތި ފޮރުވާފައިވާ ޑިންގީ ހިފައިގެން ދޯނީގައި އައިސް ހުޅުމާލެއަށް ފޭބިވަގުތު އެވެ.

މަސްތުވާތަކެތި ހިފައިގެން ރާއްޖެ އައި ހޮރުމޯޒު ބޯޓުގައި ތިބި ޕާކިސްތާނުގެ 11 މީހަކު ވެސް އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް ފުލުހުންގެ ތަހުގީގު ނިމުނުއިރު އެމީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިނުވާތީ އެ އެންމެން މިހާރު ވަނީ ޑީޕޯޓުކޮށްލާފަ އެވެ.

އެ ދެ މީހުންގެ ތެރެއިން އިސްމާއީލް މޫސާގެ މައްޗަށް ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ، އޭނާ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިސްމާއީލް މޫސާ ދިރިއުޅޭގެ ބަލައި ފާސްކުރި އިރު، އޭނާ ނިދާ އެނދުގެ ހެޑްބޯޑުމަތިން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ޑައިމޯފިން ފެނިފައިވާތީ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ އޭނާ ދިރިއުޅޭ ކޮޓަރިތެރެއިން އަންހެން ހައްޓަކާއި ފަސް ފިރިހެން ހަށި ފެނިފައިވާތީ ކަމަށް ވެސް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް އިންކަރު ކުރިނަމަވެސް އެ ދެ ދައުވާ އަށް އިސްމާއީލް މޫސާ ޖަވާބުދާރީވެފައެއް ނުވެއެވެ. ގާޒީ ވިދާޅުވީ އެ ދެ މައްސަލައިގައި ވަކީލަކު ހަމަނުޖެހުނު ކަމުގައި ވިޔަސް ދެން އަންނަ ޝަރީއަތުގެ މަޖިލީހެއްގައި ދެ ދައުވާއަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 24 ވަނަ ދުވަހު އެވެ.