19 Jan 2011, 07:50
ބެއިޖިންގ : ފާއިތުވެދިޔަ ދެއަހަރު ވޯލްޑް ބޭންކުން ދުނިޔޭގެ ޤައުމުތަކަށް ދިން ލޯންތަކަށްވުރެ ޗައިނާއިން އެކަނި ދުނިޔޭގެ ޤައުމުތަކަށް ދިން ލޯންތައް މާގިނަކަމަށް ކަމާބެހޭ ރިޕޯޓެއް ބުނެފިއެވެ.
ލަންޑަންގައި ނުކުންނަ ފައިނޭންޝަލް ޓައިމްސް ގައި ޝާއިޢުކޮށްފައިވާ މިރިޕޯޓް ބުނާގޮތުން ވޯލްޑް ބޭންކުގެ މާލީ ޙާލަތަށްވުރެ ޗައިނާގެ މާލީ ޙާލަތު މާބޮޑުތަން ރަނގަޅެވެ. އަދި ވޯލްޑް ބޭންކްގެ ބޭރުފައިސާގެ ރިޒާވްއަށްވުރެ ޗައިނާގެ ބޭރުފައިސާގެ ރިޒާވްވެސް މާބޮޑެވެ. އަދި ވޯލްޑް ބޭންކުންދޭ ލޯނުގެ ޝަރުތުތަކަށްވުރެ ޗައިނާ ސަރުކާރުންދޭ ލޯނުގެ ޝަރުތުތައްވެސް މާލުއިވެފައި މާފަސޭހައެވެ.
ޗައިނާއިން ބޭރުޤައުމުތަކަށް ލޯންދެނީ ޗައިނީޒް ޑިވެލޮޕްމަންޓް ބޭންކުންނާއި ޗައިނާ ބޭންކް ފޯރ އިންޕޯޓްސް އެންޑް އެކްސްޕޯޓްސް އިންނެވެ. މިދެބޭންކުން ދުނިޔޭގެ ޤައުމުތަކަށް ދޭ ލޯނުގެ 95 އިންސައްތަ ލޯންދެނީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށެވެ. ނަމަވެސް މިލޯންތަކުގެ މިންވަރާއި ޢަދަދު މިދެބޭންކުން ހާމައެއް ނުކުރެއެވެ.
ފައިނޭންޝަލް ޓައިމްސް ގައިވާ މިރިޕޯޓްގައި، ޗައިނާއިން ދުނިޔޭގެ ޤައުމުތަކަށް ދޭ ލޯނުތަކުގެ ތަފްސީލް ހޯދާފައިވަނީ މިލޯން ނަގާ ޤައުމުތަކުންނެވެ. ޗައިނާއަކީ ދުނިޔޭގައި ބޭރުފައިސާގެ ރިޒާވް އެންމެ ބޮޑު ޤައުމެވެ. ޗައިނާގެ ބޭރުފައިސާގެ ރިޒާވް ގާތްގަނޑަކަށް ތިންހާސް ބިލިޔަން އެމެރިކާ ޑޮލަރަށް އަރާ ކަމަށް މާލީ ރިޕޯޓްތައް ބުނެއެވެ. މި ލޯންތަކުގެ އިތުރުން ފާއިތުވި އަހަރު ޗައިނާއިން ދުނިޔޭގެ ޤައުމުތަކުގައި 50 ބިލިޔަން އެމެރިކާ ޑޮލަރުގެ އިންވެސްޓް މަންޓްތައްވެސް ކޮށްފައިވެއެވެ.