10 Sep 2014, 15:38
އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލްގައިދާ ފަދަ ޖަމާއަތްތަކަށް އީދު ހުތުބާގައި ތައުރީފު ކުރި ދީނީ އިލްމުވެރިއަކު ސައުދީ ސަރުކާރުން ޖަލަށް ލައިފި އެވެ.
އަލް އަރަބިއްޔާ ނޫސް ބުނީ މިދިޔަ އަހަރުގެ ފިތުރު އީދު ދުވަހު ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ މިސްކިތެއްގައި ކީ ހުތުބާއެއްގައި އައިއެސް ފަދަ ޓެރަރިސްޓް ގްރޫޕްތަކަށް ތައުރީފު ކުރި ކަމުގެ ކުށުގައި ޚަތީބަކު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ރިޔާޟުގެ ހާއްސަ ކްރިމިނަލް ކޯޓުން މި މަހުގެ އެއްވަނަ ދުވަހު ހުކުމްކޮށްފައިވާ ކަމަށެވެ.
އަދި ބުނީ އަލްގައިދާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކުން ގެންގުޅޭ ވިސްނުންތަކާއި އެފަދަ ގްރޫޕްތައް މަތިވެރިކުރި ކަމުގެ ކުށް ސާބިތުވެފައިވާ ކަމަށް ވެސް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އަދި ޓެރަރިޒަމަށް އެއް މިލިޔަން ރިޔާލަ ހަރަދުކުރުމާއި (ސައުދީ ސަރުކާރުން) ހޯދަމުން އަންނަ ޓެރަރިސްޓުން ފޮރުވައިގެން ގެންގުޅުމުގެ ކުށް ވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ އަންޑަ ސެކްރެޓަރީ ތައުފީޤު އަލް ސުދައިރީ ވިދާޅުވިކަމަށް ނޫހުގައި ވަނީ މިސްކިތްތަކާއި އާއްމު ތަންތާނގައި ނަސޭހަތްދިނުން ވެސް އެޚަތީބަށް މަނާކޮށްފައިވާ ކަމަށެވެ.
"... ހަނގުރާމަވެރިން މިނިވަން ކުރަން އޭނާ ގޮވި ގޮވުމާއި ހަނގުރާމަވެރިންނަށް އަސްކަރީ އަދި މާލީ ގޮތުން އެހީތެރިވުމަށް ގޮވައިލި ގޮވައިލުމަކީ އިސްލާމްދީނާ ހިލާފުކަމެއް،" ސުދައިރީ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
އިރާގުގައި ހަނގުރާމަވެރިން ބަންދުކޮށްފައި ތިބި ޖަލަކަށް އައިއެސްގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީ ހަމަލާދީ ހަނގުރާމަވެރިން މިނިވަން ކުރި ކުރުމަކީ އޭނާ އަދާކުރި ވާޖިބެއް ކަމަށް، ޖަލު ހުކުމް އައިސްފައިވާ ޚަތީބު ބުނި ކަމަށް ސައުދީ ސަރުކާރާ ހަވާލާދީ ނޫހުގައިވެ އެވެ.
ޖަލަށްލީ ޚަތީބުގެ ނަމެއް ވެސް އަދި އޭނާއާ ބެހޭ އެއްވެސް ޒާތީ މައުލޫމާތެއް ވެސް ނޫހުން ހާމަކޮށްފައެއް ނުވެ އެވެ. އޭނާ ހައްޔަރުކުރީ އީދު ހުތުބާ ކިޔާ ނިމުނު ތަނާ ކަމަށް ބުނެފައިވެ އެވެ.