މަދިރި އާއި މެހި ފަދަ ސޫފާސޫފިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމާ ބެހޭ ގަރާރެއް ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ފާސްކޮށްފި އެވެ.

"ޑާކާ ޑެކްލަރޭޝަން"ގެ ނަމުގައި އެގަރާރު ފާސްކުރީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިހާރު ކުރިއަށްދާ ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ 32 ވަނަ ބައްދަލުވުމުގަ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ ސޫފާސޫފިން ޖެހޭ ބަލިތައް މިސަރަހައްދުން ނައްތައިލުމަށް އަޅާނެ ފިޔަވަޅުތައް އިއްޔެ ފާސް ކުރި ގަރާރުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ޑާކާ ޑެކްލަރޭޝަންގައިވާ ކަންތައްތަކުގެ ތަފުސީލެއް އަދި ނުލިބެއެވެ.

ސޫފާސޫފިން ޖެހޭ ބަލިތައް ކޮންޓްރޯލްކޮށް ނައްތައިލުމާ ބެހޭ އެގަރާރު ފާސްކޮށްފައި މި ސަރަހައްދަކީ އެފަދަ ބަލިތަކުގެ ނުރައްކާ އެންމެ ބޮޑު އެއް ސަރަހައްދެވެ. މަދިރިން ޖެހޭ ބައްޔެއް ކަމަށްވާ މެލޭރިއާ ޖެހުމުގެ ނުރައްކާ މިސަރަހައްދުގެ ގާތްގަނޑަކަށް 1.4 ބިލިޔަން މީހުންނަށް އޮތް އިރު ލިންފެޓިކް ފައިލޭރިއަސިސް ޖެހުމުގެ ނުރައްކާ 871 މިލިޔަން މީހުންނަށް އެބައޮތެވެ. އަދި ކާލާ-އާޒަރު ނަމަކަށް ކިޔާ ބައްޔެ ޖެހުމުގެ ފުރުސަތު މިސަރަހައްދުގެ 147 މިލިޔަން މީހުންނަށް އެބައޮތް ކަމަށް ވެސް ޑަބްލިއުއެޗްއޯއިން ބުންޏެވެ.

ޑާކާގައި ކުރިއަށްދާ ޑަބްލިއުއެޗްއޯ ދެކުނުއިރުމަތީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ 32 ވަނަ ބައްދަލުވުމާއި ޑަބްލިއުއެޗްއޯ ރީޖަނަލް ކޮމިޓީ ފޯ ސައުތު އީސްޓް އޭޝިއާގެ 67 ވަނަ ސެޝަން ހުޅުއްވައިދެއްވީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚު ހަސީނާއެވެ.

ރާއްޖޭގެ އެކްޓިން ހެލްތު މިނިސްޓަރް އަދި ޑިފެންސް މިނިސްޓަރް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރް ހުސަައިން ރަޝީދު ގެންދަވަނީ އެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.