އައްޑޫ ސިޓީ ފޭދޫގެ ބައެއް މަގުތަކުގައި ތާޅުއެޅުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް މިރޭ ފައްޓަވައި ދެއްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާޙިމް މުއާޒު އަލީ މިއަދު ވިދާޅުވީ ރައީސް ޔާމިނާއި އެމަނިކުފާު އަނބިކަނބަލުން ފާތުމަތު އިބްރާހިމް މިއަދު ހަވީރު އައްޑޫ ވަޑައިގަންނަވާނެ ކަމަށާއި އެ ދަތުރުފުޅުގައި ފޭދޫ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއު ފައްޓަވާ ދެއްވާނެ ކަމަށެވެ.

ތާރު އެޅުމަށް ހަމަޖެހިފައިވަނީ ފޭދޫގެ ރަށްދެބައިމަގު އާއި ފޭދޭ ބަނދަރު ސަރައްދުގައި ކަމަށް މުއާޒް ވިދާޅުވި އެވެ.

"ރައީސް މިއަދު އައްޑޫ އަށް ވަޑައިގަންނަވާނެ. އަދި ފޭދޫގެ ރަށްދެބައި މަގު އާއި ބަނދަރު ސަރައްދުގައި ތާރުއެޅުމުގެ މަޝްރޫއު މިރޭ ފައްޓަވާ ދެއްވާނެ. އޭގެ އިތުރުން ރައްޔިތުން ހާލު ބައްލަވާނެ،" ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ފޭދޫގެ ރަށްދެބައި މަގާއި ބަނދަރު ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ރޯޑް ޑިވްލޮޕްމަންޓް ކޯޕްރޭޝަން (އެމްއާރުޑީސީ)އާ އެވެ. އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 7.9 މިލިއަން ރުފިޔާ އަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ އެހެނިހެން މަގުތައް ހެދުމުގެ މަސައްކަތްތައް ކުރުމަށް އެގްރީމަންޓްތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ޕްރޮޖެކްޓްގެ ދަށުން ހުޅުދޫ މީދޫ އަދި ހިތަދޫގެ ބައެއް މަގުތައް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރައީސް ޔާމިން ވެރިކަމާއި ހަވާލުވެވަޑައިގެން ފަހުން މިއީ އައްޑޫ ސިޓީއަށް އެމަނިކުފާނު ވަޑައިގަންނަވާ ހަތަރު ވަނަ ފަހަރެވެ.