ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން އެކުލަވާލައި ގެޒެޓްކޮށްފައިވާ ގަވައިދަކީ ލިއުންތެރިން ރުޅިއަރުވަން ލިޔެފައިވާ އެއްޗެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ލިއުންތެރިންގެ ގުޅުމުގެ ނައިބު ރައީސް އަދި އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލް އަޒީރު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެ އެވެ.

'ސަން'އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އަޒީ ވިދާޅުވީ އެ ގަވައިދު އިސްލާހު ކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

" އެ ގަވައިދު އެއީ ލިއުންތެރިން ރުޅިއަރުވަން، ނޫނީ ސަރުކާރާ ދޭތެރޭ ބައެއްގެ ހިތުގައި ނަފުރަތު އުފައްދަން ލިޔެފައިވާ އެއްޗެއް ކަމަށް އަޅުގަނޑު ދެކެނީ. ކިހިނެތްތޯ ޅެމެއް އާއްމުކުރާ ކޮންމެ ފަހަރަކު 50 ރުފިޔާ ދީފައި އެ ފާސްކުރާނީ. މިސާލަކަށް އަޅުގަނޑުމެންގެ ޖަމިއްޔާ( ލިއުންތެރިންގެ ގުޅުން)ގެ ފަންވަތް ވެބްސައިޓްގައި ކޮންމެ ދެރެއަކުން ޅެމެއް އެބަ ޝާއިއުކުރަން. ކިހިނެތްތޯ ކޮންމެ ފަހަރަކު 50 ރުފިޔާ ދީފައި އެ ފާސްކުރާނީ؟ މީ ދެން ބަޔަކަށް ޖެއްސުން ކުރުން ނޫންތޯ؟" އަޒީ ވިދާޅުވި އެވެ.

ޢަޒީ މިހާރު ވަޑައިގެން އުޅުއްވަނީ ގަވައިދު އިސްލާޙުކުރުމަށް އެދިވަޑައިގެންނެވުމަށް ޓަކައި ޔޫތު މިނިސްޓަރް މުޙައްމަދު މަލީހު ޖަމާލާ ބައްދަލުކުރައްވުމަށެވެ. އަދި ވިދާޅުވީ މިނިސްޓަރާ މަޝްވަރާ ކުރައްވައިގެން ގަވައިދު އިސްލާހު ކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"... އަޅުގަނޑު މިހާރު މިދަނީ ލިއުންތެރިންގެ ގުޅުމުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ޔޫތު މިނިސްޓަރާ ބައްދަލުކުރަން. އެ ގަވައިދު އިރާދަކުރެއްވިއްޔާ އިސްލާހު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ، އެ ގަވައިދަކީ ގާނޫނާ ހިލާފު ގަވައިދެއް ކަމަށާއި އެއީ މީހުންގެ ޝުއޫރުތައް ހިފަހައްޓަން ހަދާފައިވާ ގަވައިދެއް ކަމަށެވެ. އެއީ އަދަބިއްޔާތުގައި ތަޅު އެޅުވުން ކަމަށް ވެސް ވިދާޅުވިއެވެ.

"ދިވެހި ރާއްޖޭގެ އަދަބިއްޔާތު ފާސްކުރުމުގެ ގަވައިދު"ގެ ނަމުގައި ގެޒެޓްކުރި ގަވައިދުގައިވާ ގޮތުން ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން ފާސްނުކޮށް، ޅެމެއް ނުވަތަ ފޮތެއް އާއްމުކޮށްފި ނަމަ އެކަމުގެ އަދަބަކީ ފުރަތަމަ ފަހަރު 500 ރުފިޔާއާއި 5000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި ތަކުރާރުކޮށް ގަވައިދާ ހިލާފުވާ ނަމަ އެ އަދަބުގެ އިތުރުން ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 1000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ.

އަދި ޝާއިއު ކުރާ ފޮތެއް ނުވަތަ ޅެމެއްގައި ހަގީގަތާ ޚިލާފު މައުލޫމާތެއް އޮތްކަން ޝަރީއަތަށް ސާބިތުވެއްޖެ ނަމަ އެފަދަ މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކޮށް، ވަކި މުއްދަތަކަށް އަލުން ހުއްދަ ނުދޭނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ. އެގޮތުން ހަގީގަތާ ހިލާފު މައުލޫމާތެއް އާއްމު ކުރިކަން ފުރަތަމަ ފަހަރު ސާބިތުވުމުން އެއް އަހަރު އަދި ދެވަނަ ފަހަރަށް ސާބިތުވެއްޖެ ނަމަ ތިން އަހަރަށް އަދި ތިން ވަނަ ފަހަރު ފަސް އަހަރު ދުވަސް ވަންދެން އަލުން ހުއްދަ ނުދޭނެ ކަމަށް ގަވައިދުގައި ވެއެވެ.

އެ ގަވައިދުގެ މަގުސަދެއް ކަމަށް ބަޔާންކޮށްފައި ވަނީ ޝާޢިއުކުރާ އަދަބިއްޔާތަކީ ރާއްޖޭގެ ގާނޫނާއި ގަވައިދުތަކާއި އާއްމު އިޖުތިމާއީ މިންގަނޑުތަކަށް ފެތޭ އުފެއްދުންތަކަކަށް ހެދުމެވެ. އަދި ޝާއިއުކުރެވޭ އަދަބިއްޔާތެއްގެ ސަބަބުން މުޖުތަމައަށް ކޮށްފާނޭ ނޭދެވޭ އަސަރު ކުޑަކުރުމަކީ ވެސް މަގުސަދެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.