ހދ. ނޭކުރެންދޫ ރަންވިއު ފާތުމަތު ޒަކަރިއްޔާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ކ. ގުރައިދޫ ގުލްހަޒާރުގޭ އަލީ ޝަހީމްއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނަގައި ނިމިއްޖެ އެވެ.

ޝަހީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އާއި ވައްކަން ކުރުމުގެ ކުށުގެ ދައުވާ އެވެ. ވައްކަމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ ފާތުމަގެ ގަހަނާތައް އޭނާ ވަގަށް ނެގި ކަމަށް ތުހުމަތު ކޮށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ހެކިބަސް ދެމުން ކުޅުދުއްފުށީ ފަހާތަނެއްގައި މަސައްކަތް ކުރާ ބަނގުލަދޭޝްގެ ދެ މީހަކު ބުނީ ގަހަނާތަކެއް ހިފަހައިގެން އެތަކެތި ވިއްކަން ޝަހީމް އެ މީހުން މަސައްކަތް ކުރާ ފަހާތަނަށް ދިޔަ ކަމަށެވެ.

އެތަނުން އެކަކު ބުނީ ކޮތަޅަކަށް ލާފައި ހުރި އެ ތަކެތި ގަންނާނަންހޭ ޝަހީމް އެ ދެ މީހުންނާ ސުވާލު ކުރި ކަމަށެވެ. ނަމަވެސް އެ ތަކެތި ގަންނަން އެއްބަސްވީ އޭނައާ އެކު އެތަނުގައި މަސައްކަތް ކުރާ ދެވަނަ މީހާ ކަމަށް ބަނގުލަދޭޝް މީހާ ބުންޏެވެ.

"ރަންފަށެއް ހިފައިގެން އައިސް އޭނަ [ޝަހީމް] ބުނީ މިއީ ވިއްކާ އެއްޗެކޭ؟ އަހަރެން ނުގަންނަނީ،" އޭނާ ބުންޏެވެ.

ފަހާތަނުގައި މަސައްކަތް ކުރާ ދެވަނަ މީހާ ބުނީ އެތަކެތި ވިއްކާ ވާހަކަ އޭނާ ބުނުމުން އަގަކާ މެދު ފުރަތަމަ ވާހަކަދެކެވުނު ކަމަށެވެ. އެގޮތުން 5000 ރުފިޔާއަށް އެތަކެތި ވިއްކާ ވާހަކަ ޝަހީމް ބުނުމުން އެ އަގާ މެދު ހިތްހަމަ ނުޖެހޭތީ ދެފަރާތުން އެއްބަސްވެގެން 4000 ރުފިޔާ އަށް އެތަކެތި ގަތީ ކަމަށް ބަނގުލަދޭޝް މީހާ ބުންޏެވެ.

އެމީހާ ބުނީ އޭގެ ދުވަސްކޮޅެއް ފަހުން ފުލުހުން އޭނައާ ސުވާލުކުރުމުން ކަން ހިގައިދިޔަ ގޮތް ކިޔައިދީފައި ވާނެ ކަމަށާއި ފުލުހުން އެންގުމުން ގަހަނާތައް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ދައުލަތުން ޝަހީމްގެ މައްޗަށް ކުރި ގަސްދުގައި މީހަކު ރަލާލުމުގެ ކުށުގެ ދައުވާގައި ބުނެފައި ވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ މަޣުރިބް ނަމާދު ބަންގީގެ ފަހުގެ ވަގުތެއްގައި ނޭކުރެންދޫ ރަންވިއު ގެއަށް ޝަހީމް ގޮސް އުޅުމުގެ ތެރޭގައި އެގޭ ކޮޓަރިތެރޭގައި އޮތް ތުވާލިގަނޑެއް ނެގުމަށް ފަހު ފާތުމަގެ ފަހަތުން ގޮސް ތުވާލިގަނޑާ އެކު ފާތުމަ އަނގަ އާއި ނޭފަތާއި އެއްކޮށް ހިފަހައްޓައި ނޭވާ ހާސްކޮށް އޭނާ މަރާލާފައިވާ ކަމަށެވެ.