ލ. ގަމު ތުނޑީ މެޖިސްޓްރޭޓް ކޯޓުން ބަލަމުން އަންނަ ދެ މައްސަލައަކާ ގުޅިގެން ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެ ކޯޓަށް ހާޒިވުމަށް އެ ކޯޓުން އަމުރެއް ނެރެފި އެވެ.

ތުނޑީ މެޖިސްޓްރޭޓް ކޯޓުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މާދަމާގެ ހެނދުނު 9:00 އަށް އޭގެތެރެއިން އެއް މައްސަލައަށް ކިޔާފައިވާއިރު ދެވަނަ މައްސަލަ އަށް ކިޔާފައިވަނީ މާދަމާ ހެނދުނު 10:00 ގައި ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ހައުސިން މިނިސްޓަރު ހާޒިރުކުރަނީ އެ ދެ މައްސަލައާ ގުޅިގެން ދެ ފަހަރެއްގެ މަތިން ހައުސިންގް މިނިސްޓްރީއަށް ޗިޓް ފޮނުވުމުން ވެސް އެ މިނިސްްޓްރީން އެއްވެސް ބޭފުޅަކު ކޯޓަށް ހާޒިރުވެފައިނުވާތީ ކަމަށެވެ.

"ސީދާ ހައުސިން މިނިސްޓްރީއަށް ދެ ފަހަރު ޗިޓް ފޮނުވައިގެން ވެސް މިނިސްޓްރީން އެއްވެސް ފަހަރަކު އިޖާބަދީފައެއް ނުވޭ، އެހެންވެ މިނިސްޓަރު ހާޒިރުކުރަން އަމުރެއް ނެރުނީ،" އޮފިޝަލް ވިދާޅުވި އެވެ.

ތުނޑީ މެޖިސްޓްރޭޓް ކޯޓުން ބަލަމުން ގެންދާ އެ ދެ މައްސަލައަކީ ސުނާމީ ގައި ހާލުގައި ޖެހުނު ކަޅައިދޫ އާއި މުންޑޫގެ މީހުންނަށް ފްރެންޗް ރެޑްކްރޮސްއިން އަޅައިދިން ގެ ތައް އެ ފަރާތްތަކަށް ދޫކުރި ގޮތާ މެދު ހިތްހަމަ ނުޖެހިގެން ލ. މުންޑޫގެ ދެ މީހަކު ހުށަހަޅާފައިވާ މައްސަލައެކެވެ.