ދުވަސް ފުރައި ވިހެއުމަށް ފަހު ދަރިފުޅު "މަރާލައި" ފޮށްޓަކަށްލީ ކަމަށް ތުހުމަތު ކުރާ މީހާ، މައްސަލައިގެ ޝަރީއަތް ނިމެންދެން ގޭބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ޝަރީއަތް ނިމެންދެން އޭނާ ގޭ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައި ވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ ނުވަ ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

އެ މައްސަލާގައި ތުހުމަތު ކުރާ އަންހެން މީހާގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ.

އުމުރުން 18 އަހަރުގެ އެ އަންހެން މީހާ ވިހެއި ތުއްތު ދަރިފުޅު ފެނުނު އިރު ވަނީ އަނގަޔަށް ފޮތި ލައްވައި މަރުވެފަ އެވެ. އެ ކުއްޖާ ފެނުނީ މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހު މ. ސިލްވާޝާކް ގޭގެ ތިން ވަނަ ބުރީގައި ހުރި ފޮއްޓެއްގެ ތެރެއިންނެވެ.

އެ އަންހެން މީހާ ވިހެއިކަން ފަޅާއެރީ ލޭ މަނާނުވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިއުމުން ދަރިއަކު ވިހާފައިވާކަން ޑޮކްޓަރުންނަށް އެނގުމުންނެވެ. ކައިވެނީގެ ބޭރުން ދަރިއަކު ލިބި، ވިހާފައި ވާތީ އެ އަންހެން މީހާގެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނައީ އޭޑީކޭ ހޮސްޕިޓަލުންނެވެ.