ރާއްޖޭގައި ޅެމާއި ފޮތް ޝާޢިއުކުރުމުގެ އާ ގަވައިދެއް ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން އެކުލަވާލައި ގެޒެޓްކޮށްފި އެވެ.

އިއްޔެ ގެޒެޓްކުރި އެ ގަވައިދުގައިވާ ގޮތުން ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން ފާސްނުކޮށް، ޅެމެއް ނުވަތަ ފޮތެއް އާއްމުކޮށްފި ނަމަ އެކަމުގެ އަދަބަކީ ފުރަތަމަ ފަހަރު 500 ރުފިޔާއާއި 5000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި ތަކުރާރުކޮށް ގަވައިދާ ހިލާފުވާ ނަމަ އެ އަދަބުގެ އިތުރުން ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 1000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ.

އަދި ޝާއިއުކުރާ ފޮތެއް ނުވަތަ ޅެމެއްގައި ހަގީގަތާ ޚިލާފު މައުލޫމާތެއް އޮތްކަން ޝަރީއަތަށް ސާބިތުވެއްޖެ ނަމަ އެފަދަ މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކޮށް، ވަކި މުއްދަތަކަށް އަލުން ހުއްދަ ނުދޭނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ. އެގޮތުން ހަގީގަތާ ހިލާފު މައުލޫމާތެއް އާއްމު ކުރިކަން ފުރަތަމަ ފަހަރު ސާބިތުވުމުން އެއް އަހަރު އަދި ދެވަނަ ފަހަރަށް ސާބިތުވެއްޖެ ނަމަ ތިން އަހަރަށް އަދި ތިން ވަނަ ފަހަރު ފަސް އަހަރު ދުވަސް ވަންދެން އަލުން ހުއްދަ ނުދޭނެ ކަމަށް ގަވައިދުގައި ވެއެވެ.

"ދިވެހި ރާއްޖޭގެ އަދަބިއްޔާތު ފާސްކުރުމުގެ ގަވައިދު"ގެ ނަމުގައި ގެޒެޓްކުރި އެ ގަވައިދުގެ މަގުސަދެއް ކަމަށް ބަޔާންކޮށްފައި ވަނީ ޝާޢިއުކުރާ އަދަބިއްޔާތަކީ ރާއްޖޭގެ ގާނޫނާއި ގަވައިދުތަކާއި އާއްމު އިޖުތިމާއީ މިންގަނޑުތަކަށް ފެތޭ އުފެއްދުންތަކަކަށް ހެދުމެވެ. އަދި ޝާއިއުކުރެވޭ އަދަބިއްޔާތެއްގެ ސަބަބުން މުޖުތަމައަށް ކޮށްފާނޭ ނޭދެވޭ އަސަރު ކުޑަކުރުމަކީ ވެސް މަގުސަދެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.