10 Sep 2014, 12:33
ނަސީބުވެރި ފަރާތަކަށް 500،000 ރުފިޔާ ލިބޭ ގޮތަށް ދިރާގުން ރަމަޟާން މަހާ ދިމާކޮށް ކުރިއަށް ގެންދިޔަ ދިރާގު ރޯދަ ބޮޑުހަދިޔާ ޕްރޮމޯޝަންގެ ތެރެއިން މުޅި ޕްރޮމޯޝަން އިން އެއްވަނަ އަށް ހޮވުނު ފަރާތަށް އެ އިނާމު މިއަދު ހަވާލުކޮށްފި އެވެ.
އެ ޕްރޮމޯޝަންގައި ވަނީ ދިރާގުގެ މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ޕްރިޕެއިޑް ކަސްޓަމަރުންނާއި އޭޑީއެސްއެލް އާއި ފިކްސްޑް ލޭންޑްލައިން ކަސްޓަމަރުން ބައިވެރިވެފަ އެވެ. އެގޮތުން މިއަހަރުގެ ދިރާގު ރޯދަ ބޮޑުހަދިޔާގެ ނަސީބުވެރި ފަރާތަކަށް ހޮވިފައި ވަނީ ގއ. މާމެންދޫ، ގްރީންމީޑް މަރިޔަމް އަޒީޒާ އެވެ. އޭނާ އަށް އެ އިނާމު ހަވާލުކުރީ މިއަދު ހެނދުނު މަޖީދީ މަގުގައި ހުންނަ އީވޯ ހޯމް ފިހާރައިގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އީވޯހޯމްގެ ފަރާތުންނެވެ.

ދިރާގު ބޮޑު ރޯދަހަދިޔާ ޕްރޮމޯޝަންގެ ދަށުން އެ އިނާމު ލިބޭ ފަރާތަކަށް އީވޯ ހޯމް އިން ހުށައަޅާފައިވާ 500،000 ރުފިޔާގެ އިނާމު ދަށުން އެ ކުންފުނިން ފޯރުކޮށްދޭ ޒަމާނީ ފަރުނީޗަރުތަށް ބޭނުންކޮށްގެން މުޅިގޭގެ ފަރުނީޗަރުތަކާއި އެހެންނިހެން ސާމާނުތައް ބަދަލުކޮށް އައުކޮއްލުމުގެ ފުރުސަތު ލިބެ އެވެ. އެގޮތުން އެ އިނާމުތަކުގެ ތެރޭގައި ބަދިގޭ ސެޓާއި ބެޑްރޫމް ސެޓްތަކާއި ފާހާނާ ފަދަ ތަންތަނާއި ސިޓިންރޫމް އަށް ބޭނުންވާ ޒަމާނީ ހުރިހާ ވަސީލަތްތައް ހިމެނެ އެވެ.
ދިރާގުގެ މެނޭޖާ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން މުހައްމަދު މިރުޝާން ވިދާޅުވީ އެ ޕޮރޮމޯޝަންގެ ދަށުން ނަސީބުވެރިޔާ އަށް ލިބިގެންދާ އިނާމަކީ އެއީ ވަރަށް އަގުހުރި އަދި ވަރަށް ކޮލިޓީ ރަނގަޅު އުފެއްދުންތަކެއް ލިބިގެންދާ އިނާމެއް ކަމަށާއި އެއީ އެ ޕްރޮމޯޝަންގައި ބައިވެރިވި ކޮންމެ ކޮންމެ ކަސްޓަމަރަކު ވެސް ވަރަށް ބޭނުންވެފައިވާ އިނާމެއް ކަމަށެވެ.
އެ އިނާމުގެ ނަސީބުވެރި ފަރާތްކަމުގައިވާ އަޒީޒާގެ ފަރާތުން ވާހަކަ ދެއްކި އާއިލާގެ ބޭފުޅަކު ވިދާޅުވީ އެފަދަ އިނާމެއް އަޒީޒާ އަށް ލިބުމަކީ އެއީ އަޒީޒާ އަށާއި އޭނާގެ މުޅި އާއިލާ އަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި ދިރާގާއި އީވޯހޯމް ގުޅިގެން އެފަދަ އަގުބޮޑު ހަދިޔާއެއް ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމުން އެ ދެފަރާތަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
ދިރާގުގެ ރޯދަ ޕްރޮމޯޝަން މި އަހަރު ކުރިއަށް ގެންގޮސްފައި ވަނީ ދެބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން "ދިރާގު ހަފްތާގެ ރޯދަ ބޮޑުހަދިޔާ"ގެ ނަމުގައި ވަނީ ކޮންމެ ހަފްތާއަކު ނަސީބުވެރި ފަރާތަކަށް ޔަމަހާ ބްރޭންޑްގެ ސައިކަލެއް ހަދިޔާ ކޮށްފަ އެވެ. އަދި މުޅި ރޯދަމަހު ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް ލިބެނީ މިއަދު އީވޯހޯމް އިން ހަވާލުކޮށްފައިވާ 500،000 ރުފިޔާގެ އަގުހުރި އިނާމެވެ.