19 Jan 2011, 07:49
ބަޣްދާދު : ޢިރާޤުގެ އުތުރުގެ ތިކްރީތުގައި ފުލުހުންގެ ޚިދްމަތަށް ވަނުމަށް ޓަކައި ފުލުހުންގެ މަރުކަޒެއްގެ ކައިރީގައި އެއްވެފައިތިބި ޒުވާނުންގެ ބަޔަކާ ވަރަށްކައިރިން ދިން ބޮމުގެ ޙަމަލާއެއްގައި 60 މީހުން މަރުވެ ސަތޭކައަށްވުރެގިނަ މީހުން ޒަޚަމްވެއްޖެއެވެ. ޢިރާޤު ފުލުހުން ބުނިގޮތުގައި މިޙަމަލާދީފައިވަނީ ގޮވާތަކެތިއަޅާފައިވާ ޖެކެޓެއްލާފައިވާ މީހަކު އެޖެކެޓް ގޮއްވާލައި އަމިއްލައަށް މަރުވެގެންނެވެ.
މިހަމަލާދިންއިރު، ފުލުހުންގެ ތެރެއަށް ވަނުމަށްޓަކައި ފުލުހުންގެ މިމަރުކަޒުގެ ކައިރީގައި 300 އަށްވުރެ ގިނަމީހުން ކިޔުހަދާފައިވާ ކަމަށް ފުލުހުންގެ ތަރްޖަމާނަކު ވިދާޅުވިއެވެ. މިޙަމަލާގައި މަރުވެ އަދި ޒަޚަމްވެފައިވަނީ މިކިޔުގައިތިބި ޒުވާނުންނެވެ. މިއީ ވަޒީފާއެއްނުލިބިގެން ފުލުހުންގެ ވަޒީފާއެއްލިބޭތޯ އާދޭސްކުރަން ފުލުހުންގެ މަރުކަޒުގެ ކައިރިއަށް ގޮސްތިބި ޢިރާޤުގެ ފަގީރު ޢާއިލާތަކުގެ މީހުންނެވެ. މި ހިތާމަވެރި ޖަރީމާއާ ގުޅިގެން ތިކްރީތުގައިވަނީ ތިންދުވަސްވަންދެން ހިތާމަ އިޢްލާން ކޮށްފައެވެ.
ޢިރާޤުގެ ކުރީގެ ރައީސް ސައްދާމް ޙުސައިނަކީ ޑިކްޓޭޓަރަކަށް ވިޔަސް އޭނާގެ ވެރިކަމުގައި ޢިރާޤު ޓެރރަރިސްޓުންގެ ޙާއްޔަކަށް ވެފައެއްނުވެއެވެ. އެދުވަސްވަރު ޢިރާޤުގައި ވަރަށް ފުރިހަމައަށް އަމްނު އަމާންކަން ޤާއިމް ވެފައިވެއެވެ. އެމެރިކާ ޢިރާޤަށް އަރައި އެޤައުމު ތަޅައި ސުންނާފަތި ކުރުމުގެ އިތުރުން އެމެރިކާގެ އަޅުވެތިކަމުގައި ޢިރާޤުވަނީ ޓެރަރިޒަމްގެ ޙައްޔަކަށާއި ޓެރަރިސްޓުންގެ މަރުކަޒަކަށް ބަދަލުވެފައެވެ.
ޢިރާޤުގައި ބޮންގޮއްވާ މީހުންކަމަށް ބުނާ އަލްޤާޢިދާގެ މީހުންނާއި އެމެރިކާއާއާދެމެދު އަޑިން ސިއްރު ގުޅުންތަކެއް އޮންނަ ކަމަށް ޢިރާޤުގެ ބައެއްފަރާތްތަކުން ޝައްކުކުރެއެވެ. މިޝައްކުތައް ބޮޑުވެގެންދިޔައީ ޢިރާޤުގައި ހަމަނުޖެހުން އުފައްދައި ބޮންގޮއްވުމަށްޓަކައި ތާލިބާނުންގެ ބަޔަކު އެމެރިކާ ޢިރާޤަށް ގެންދިޔަކަމުގެ ޚަބަރުތަކެއް ދާދިފަހުން ފެންމަތިވުމާ ގުޅިގެންނެވެ. ޢިރާޤުގެ ޢާންމުންނަށް އަމާޒުކޮށް ބޮންގޮއްވުމުން ޢިރާޤުގައި ހަމަޖެހުން ޤާއިމް ނުކުރެވޭ ކަމަށްބުނެ ޢިރާޤުގައި ޢަސްކަރީގޮތުން ފައިހަރުކޮށްގެންއޮތުމުގެ ފުރްސަތު އެމެރިކާއަށް ލިބޭ ކަމަށް މިފަރާތްތަކުން ދެކެއެވެ.