10 Sep 2014, 12:31
މާލޭއާއި ހުޅުމާލެއާ ދެމެދު ފެރީގެ ހިދުމަތް ދިނުމަށް ވެންޓިލޭޝަން ރަނގަޅު ސުޕީޑް ބާރު ފެރީތަކެއް ތައާރަފް ކުރެވޭވަރު ވާނީ އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ކަމަށް، އެ ހިދުމަތްދޭ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓުރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
ސަން އަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީސީސީގެ ޖެނެރަލް މެނޭޖާ އިސްމާއިލް އަދުހަމް މިއަދު ވިދާޅުވީ ފެރީގެ ހިދުމަތް ރަނގަޅު ކުރުމަށް އެ ކުންފުނިން ޕްލޭން ކުރި ގޮތަށް ފެރީގެ ހިދުމަތް މަޑުމަޑުން ރަނގަޅު ކުރަމުންދާ ކަމަށާއި މިއަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ވެންޓިލޭޝަން އާއި ސްޕީޑްގެ އިތުރުން ކެޕޭސިޓީ ރަނގަޅު ފެރީތަކެއް ތައާރަފް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ބޭނުންކުރާ ފެރީތަކަކީ ފެރީއަކަށް ބަނދެވިފައިވާ ފެރީތަކެއް ނޫން، އެކަހަލަ މައްސަލަތައް ހައްލުވާނީ ފެރީގެ ގޮތުގައި ޑިޒައިންކޮށް މިހާރުގެ އިޝޫޒް ކިހިނެއްތޯ ހައްލުކުރެވޭނީ ބަލައިގެން ކުރިއަށް ގޮސްގެން، އޭގެ ޑިޒައިންތަކެއް މިހާރު ވަނީ ފައިނަލައިޒް ކުރެވިފައި،" އަދުހަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރު އަލަށް ނެރޭ ފެރީތައް ވެގެންދާނީ ވެންޓިލޭޝަން އާއި ކެޕޭސިޓީގެ އިތުރުން ފެރީގައި ހޭދަކުރަން ޖެހޭ ވަގުތު މަދުކޮށް ހަލުވި ސުޕީޑެއްގެ ހިދުމަތްދޭ ފެރީތަކަކަށެވެ. އަދުހަމް ވިދާޅުވީ ވެންޓީލޭޝަން ރަނގަޅު ފެރީތައް ތައާރަފްކުރާއިރު ވެސް ތައާރަފް ކުރާނީ ފަހަރަކު ފެރީއެއް ކަމަށާއި ސަބަބަކީ ފަހަރަކު ފެރީއެއް ޓެސްޓްކޮށް އެފެރީތަކުގެ ތަޖުރިބާ އަށް ބަލައި ފެރީގެ ހިދުމަތް ރަނގަޅު ކުރުމަށް ކަމަށެވެ.
"އެއް ފަހަރާ ފެރީތަކެއް ގެނައުމުގެ ބަދަލުގައި އަޅުގަނޑުމެން ތައާރަފުކުރާނީ މިސާލަކަށް ފުރަތަމަ އެއް ފެރީ އަނެއްކާ ވެސް ދެ މަސް ކޮށްލާފައި އަނެއް ފެރީ. އެ ވާގޮތަކީ އަލަށް ތައާރަފުކުރާ ޑިޒައިންގައި ވެސް އޭގެ ފީޑްބެކް ލިބިގެންތާ އެއަށް ވުރެ ވެސް ފުރިހަމަވާނީ،" އަދުހަމް ވިދާޅުވި އެވެ.
އަދުހަމް ވިދާޅުވީ ފެރީގެ ހިދުމަތް ރަނގަޅު ނުވާ ކަމަށް ބައެއް ފަރާތްތަކުން ބުނާ އިރު އެކަމުގައި ތަފާތު ސަބަބުތަކެއްވާ ކަމަށާއި އެކަމުގެ އެއްސަބަބަކީ ފެރީގެ ސެކްޓާއަކީ އެކުންފުނިން ގެއްލުމުގައި ހިންގާ ސެކްޓާ އަކަށް ވުމުން ކަމަށެވެ. އެސެކްޓާ އިން ގެއްލުންވުމަށް ދިމާވާ މައިގަނޑު މައްސަލައަކީ ގެއްލުން ފޫބެއްދުމަށް ސަރުކާރުން ދީފައިވާ ބިން ސިޓީ ކައުންސިލްއިން އަދިވެސް ހަމަޖައްސާފައި ނުދޭތީ ކަމަށެވެ.
ހުޅުމާލެއާއި މާލެއާއި ދެމެދު ފެރީގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ.