10 Sep 2014, 12:31
ދިވެހި ފިލްމީ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ ތަޖުރިބާކާރު ފަންނާނުންތަކެއް އެކުވެގެން އެ ދާއިރާ ކުރިއެރުވުމަށް ވަގުތީ ކޮމިޓީއެއް އެކުލަވައިލައިފި އެވެ.
ސޯޝަލް ސެންޓަރުގެ ސެމިނާ ހޯލްގައިރޭ ބޭއްވި ބައްދަލުވުމެއްގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މި ދާއިރާގައި މަސައްކަތްކޮށްފައިވާ ފިލްމީ ފަންނާނުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ފިލްމީ ތަރިންނާއި ޑިރެކްޓަރުންނާއި ޕްރޮޑިއުޝަރުންނާއި ކެމެރާމަނުންގެ އިތުރުން ޓެކްނިކަލް ފަންނާނުން ހިމެނެ އެވެ.

ސޯޝަލް ސެންޓަރުގައި ރޭ ދިވެހި ފިލްމީ ދާއިރާގައި ދުވަސްވީ ފަންނާނުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ ފަޔާޒު މޫސާ
ރޭ ބޭއްވި އެ ބައްދަލުވުމުގައި މި ދާއިރާ ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނެގި ވަގުތީ ކޮމިޓީގެ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނަ ވަނީ މުހައްމަދު މުސްތަފާ ހުސެއިން އާއި އަސްލަމް ރަޝީދާއި ހުސެއިން ރަޝީދު (މަހުމާ) އާއި އިބްރާހިމް ވަހީދު އާއި މުހައްމަދު ނިޔާޒު (ޓެޑްރީ) އާއި ހުސެއިން ރަމީޒު އާއި އަމްޖަދު އިބްރާހިމް އާއި ފައުޒިއްޔާ ހަސަން އަދި ޔޫސުފް ރަފީއު (ޔޫސޭ) އެވެ.

ސޯޝަލް ސެންޓަރުގައި ރޭ ދިވެހި ފިލްމީ ދާއިރާގައި ދުވަސްވީ ފަންނާނުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ ފަޔާޒު މޫސާ
އެ ބައްދަލުވުމާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ބައެެއް ބޭފުޅުން ވިދާޅުވީ މިފަދަ ކޮމިޓީއެއް އެކުލަވާލުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މިދާއިރާގައި ގިނަ ދުވަހު ތަޖުރިބާ ހުރި ފަރާތްތަކަށް މި ދާއިރާ ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ވެދެވެން އޮތް އެހީތެރިކަމަކީ ކޮބައިތޯ ބަލައި އެކި ރޮނގުރޮނގުން ދިވެހި ފަންނީ ދާއިރާ ކުރިއެރުވަން މަސައްކަތް ކުރުން ކަަމަށެވެ.

ސޯޝަލް ސެންޓަރުގައި ރޭ ދިވެހި ފިލްމީ ދާއިރާގައި ދުވަސްވީ ފަންނާނުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ ފަޔާޒު މޫސާ
ރޭގެ އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ ފަންނާނުން ވެސް ވަނީ ދިވެހި ކޮމާޝަލް ފިލްމެއް ފުރަތަމަ ފަހަރަށް ވުޒޫދަށް ގެނައުމަށް ޓަކައި ދިވެހިންގެ ތެރެއިން މަދު ބަޔަކު ކުރި ބުރަ މަސައްކަތުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.

ސޯޝަލް ސެންޓަރުގައި ރޭ ދިވެހި ފިލްމީ ދާއިރާގައި ދުވަސްވީ ފަންނާނުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ ފަޔާޒު މޫސާ
އެ ބައްދަލުވުމުގައި އެ ފިލްމް އުފެއްދުމަށް މަސައްކަތް ކުރި ފިލްމްގެ ބައެއް ކްރޫއިން ވެސް ވަނީ އެ ކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އެ ބޭފުޅުންގެ ވިދާޅުވީ އެންމެ ފުރަތަމަ ރާއްޖޭގައި ސިނަމާއެއްގައި އެޅުވި ކޮމާޝަލް ފިލްމަކީ ދިވެހި ފިލްމް "ތިން ފިޔަވަޅު" ކަމަށެވެ.