10 Sep 2014, 11:51
އެޕަލް ކުންފުނިން މިމަހުގެ ކުރީކޮޅުގައި ހާމަކުރީ 9.9.2014 ދުވަހަކީ އެކުންފުނީގެ ހާއްސަ ދުވަހެއް ކަމަށެވެ. އޭގެ އިތުރުން އެއްވެސް މައުލޫމާތެއް ނުދީ ސަޕޯޓަރުންގެ ހިތްތަކާ ކުޅެލުމަށްފަހު، ކެލިފޯނިއާގެ ކިއުޕެޓީނޯގައި ރޭ އެޕަލްގެ އާ އުފެއްދުންތައް ދައްކާލުމަށް ބޭއްވި ހަފްލާގައި އެކުންފުނިން ވަނީ، މުޅިން އާ އުފެއްދުމަކާއެކު ތިން ޕްރޮޑަކްޓެއް ދައްކާލައިފަ އެވެ.
އެޕަލް ކުންފުނިން ރޭ ދައްކާލި ޕްރޮޑަކްޓް ތަކުގެ ތެރޭގައި ހިމެނެނީ، އެކުންފުނިން ސީރީސް ކޮށް ނެރެމުން އަންނަ އައިފޯން 6އާއި އެެޕަލްގެ ފުރަތަމަ 'ފެބްލެޓް' ފޯން އައިފޯން ސިކްސް ޕްލަސް އަދި ވޭތުވެ ދިޔަ ހަތަރު އަހަރު ތެރޭގައި އެ ކުންފުނިން އަލަށް ތައާރަފް ކުރި އުފެއްދުން ކަމަށްވާ އެޕަލްގެ ފުރަތަމަ ސްމާޓް ވޮޗް 'އެޕަލް ވޮޗް' އެވެ.
ފުރަތަމަ ފަހަރަށް ފޯނުގެ ފަރުމާއަށް ބޮޑު ބަދަލެއް ގެނެސްގެން ރޭ ދައްކާލި އައިފޯނަކީ މިހާތަނަށް އުފައްދާފައިވާ އެންމެ ބޮޑު އައިފޯނެވެ. އެޕަލްގެ މިފޯނުގައި 4.7 އިންޗި ޑިސްޕްލޭއެއް ހުންނައިރު، އެއީ 1334X750 ޕިކްސެލް ރެޒޮލިއުޝަންގެ ސްކްރީނެކެވެ. ފޯނު ބޮޑު ކުރުމާ ގުޅިގެން ފިތްތަކުގެ އެތުރުން ވެސް ވަނީ ބަދަލު ކުރެވިފައެވެ. މިކުންފުނީގެ އެންމެ ފަހުގެ އޭއެއިޓް ޕްރޮސެސަރެއް އައިފޯނުގައި ހަރު ކުރެވިފައިވާއިރު ކެމެރާވެސް ވަނީ ކުރިއަށް ވުރެ ރަނގަޅުކޮށްފައެވެ. ކުރިއެކޭ އެއްގޮތަށް މިފޯނުގައިވެސް 8 މެގަޕިކްސެލްގެ ކެމެރާއެއް ހަރުކޮށްފައިވާއިރު ފުރަތަމަ ފަހަރަށް 'އޮޕްޓިކަލް އިމޭޖް ސްޓެބިލައިޒޭޝަން' އައިފޯނަށް ވަނީ ތައާރަފް ކޮށްފައެވެ.
ކުރީގެ އައިފޯން ފައިވް އެސް އަށް ވުރެ 0.7 މިލިމީޓަރު ތުނި އައިފޯން 6 ގައި ހުންނަނީ އެންމެ 6.9 މިލިމީޓަރެވެ. ފޯނުގެ އަގު 199 ޑޮލަރުން ފެށޭއިރު 128 ޖީބީގެ ފޯނު ލިބޭނީ 399 ޑޮލަރަށް ދެއަހަރުގެ ކޮންޓްރެކްޓާއެކުއެވެ.

އައިފޯން ސިކްސް ޕްލަސް އަކީ 'ފެބްލެޓް' ފޯނުތަކުގެ އާއިލާއަށް އިތުރުވި އެންމެ ފަހުގެ މެމްބަރެވެ. ސެމްސަންގް ގެލެކްސީ ނޯޓާއި ނޮކިއާ ލުމިއާ 1520 އާއި އެކްސްޕީރިއާޒީ އަލްޓްރާ ފަދަ ބޮޑެތި ސްކްރީންތަކުގެ ޑިވައިސްތަކާ ވާދަ ކުރާ އައިފޯން ސިކްސް ޕްލަސްގެ ސްކްރީން ގައި 5.5 އިންޗި ހުރެއެވެ. އެމްއެއިޓް ޕްރޮސެސާއެއް ހަރުކުރެވިފައިވާ މި ފެބްލެޓުގެ ޑިސްޕްލޭގައި 1920X1080 ރެޒޮލިއުޝަންގެ ހުރެއެވެ.
ދެއަހަރުގެ ކޮންޓްރެކްޓާއެކު ގަނެވޭ މި ފެބްލެޓު ފެށެނީ 299 ޑޮލަރުންނެވެ. އައިފޯން ސިކްސް ޕްލަސްގެ 128 ޖީބީ ފޯނު ލިބޭނީ 499 ޑޮލަރަށް އެހެން މޮޑެލްތަކެއް ފަދައިން ދެއަހަރު ދުވަހުގެ ކޮންޓްރެކްޓާއެކުއެވެ.
އެޕަލްގެ މުޅިން އައު އުފެއްދުމެއް ކަމަށްވާ، 'އެޕަލް ވޮޗް' އަކީ އެ ކުންފުނީގެ ސްމާޓު ވޮޗެވެ. އައިވޮޗުގެ ނަމުގައި ލީކުތަކުގައި ވާ މި ގަޑިއަށް ކުންފުނިން ވަނީ ރޭގެ ދައްކާލުމުގައި 'އެޕަލް ވޮޗު'ން ނަން ދީފައެވެ.

މި ސްމާޓު ވޮޗުގެ އެހީގައި ގޭގެ ދޮރު ހުޅުވައި ތަޅުލެވޭއިރު އަމިއްލަ ސިއްހަތުވެސް މޮޓިނާ ކުރެވެއެވެ. ސޯޝަލް އެކައުންޓް ޓްވިޓާ ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ގަޑީގައި އަމިއްލަ 'އިމޯޖީ' ހަދާލެވެއެވެ. އެޕަލް ވޮޗު ވިއްކާ އަގު ފެށެނީ 349 ޑޮލަރުންނެވެ.
އެޕަލް ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އަލަށް ތައާރަފްކުރި އައިފޯން މިމަހުގެ 12 ގައި ޕްރީ އޯޑަރު ކުރަން ފެށޭނެއެވެ. މިމަހުގެ 19 ގައި އައިފޯން ސިކްސް އަދި އަފޯން ސިކްސް ޕްލަސް ދުނިޔޭގެ ގައުމުތަކަށް ފޮނުވަން ފަށާނެއެވެ. ނަމަވެސް އެޕަލް ވޮޗު އަޅަން ބޭނުންވާ ފަރާތްތަކުން ޖެހޭނީ އަންނަ އަހަރު ފެށެންދެން މަޑުކޮށްލާށެވެ.