10 Sep 2014, 11:50
އޮފީހަށް ދާން ތައްޔާރު ވެގެން ސައި ބޯން އިށީނުމުން ބޭބެ ދައްކަން ފެށީ މީގެ ކުރިން ދައްކާ ޒާތުގެ ވާހަކައެއް ނޫނެވެ. މިއަދު ފެށީ ނަސޭހަތެވެ. އާދޭހުގެ ރާގަކަށް ބުނީ އޭހާ "ތިހެން އުޅޭ އިރު މާ އަނގަ ގަދަ ނުކުރައްޗޭ" މިހެންނެވެ.
"ބަލައިގެން އުޅެއްޗޭ. އެހާ ދަން ނުކޮށް ގެއަށް އަންނައްޗޭ. މިހާރުވެސް ނޫސްވެރިއަކު ގެއްލިގެން އެ އުޅެނީ. އެހާ ބޮޑަށް ތަންތަނުގައި އަނގަ ގަދަކޮށް ނުހަދާތި." ބޭބެގެ ވާހަކައިން އެނގުނީ އަހަރެންނަށް ކަމެއް ވެދާނެތީ ބިރުގެންފައި ހުރި ކަމެވެ.
އޭގެ ފަހުގައި އޮފީހަށް އައިސް ބްރޭކް ގަޑީގައި އެއްބަނޑު އެއްބަފާ ދައްތަ ކައިރިއަށް ޒިޔާރަތްކޮށްލީމެވެ. ދައްތަގެ ފަރާތުން ވެސް އިވުނީ އެއް ވާހަކަ އެވެ. އެއީ މާޔޫސް ވެފައި ހުރެ ދިން ނަސޭހަތުގެ އަޑެވެ. މިއީ އަހަރެން އާއިލާގެ އެކަނި ހާލެއް ނޫނެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން ގެއްލުނުތާ މަސް ދުވަސް ވެފައިވާއިރު ނޫސްވެރިންގެ އާއިލާތައް ވަނީ ވަނީ ބިރުވެރިކަމެއްގަ އެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު ބަޔަކު މީހުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން ވަގަށް ނެގި ކަމަށް ގަބޫލުކުރުމުގެ ޖާގަ ބޮޑު ކަމަށް ދިވެހި މީޑިއާގެ އިދާރާތަކުން ބުނެފައިވާއިރު މައިންބަފައިންގެ މަގާމުގައި ތިބި މީހުނަށް އެމީހުންގެ ދަރިއަކީ ނޫސްވެރިއެއް ނޫންނަމަ އޭ ހިތަށް އަރާ ކަހަލަ އެވެ. މައިންބަފައިންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަން ބޭރު ފުށަށް ކޮންމެ ދުވަހަކު އެތައް ފަހަރަކު ފެނެ އެވެ. އެމީހުންގެ ނަސޭހަތްތަކުގެ އަޑު ކޮންމެ ދުވަހަކު ތަކުރާރު ކުރަން ފަށައިފި އެވެ.
ވިލިމާލެގައި ދިރިއުޅޭ ވިލާ ޓީވީގެ ސްޕޯޓްސް ޖާނަލިސްޓް އިސްމާއިލް ޝާހް ބުނީ އޭނާ ޑިއުޓީ ނިންމައި ވިލިނގިއްޔަށް ދާން ޖެހޭތީ، ބަލައިގެން އުޅުމަށާއި ދަންނަ މީހަކާ އެކީގައި ނޫނީ ފެރީއަށް ނޭރުމަށް އޭނާގެ މަންމަ ނޫނީ ބައްޕަ ގުޅާފަ ނަސޭހަތް ދޭ ކަމަށެވެ.
"ކޮންމެރެއަކު ވިލިގިނއްޔަށް [މާލެ ވިލިނގިލި] ދާއިރު މަންމަ ނޫނީ ބައްޕަ ގުޅާފަ ބުނާނެ ދަންނަ މީހަކާ އެކީ ފެރީއަށް އަރައްޗޭ،" އުމުންރުން 21 އަހަރުގެ ޝާހް ބުންޏެވެ.
ރާއްޖެ ޓީވީގެ ނޫސްވެރިޔާ އަދި ޕްރެޒެންޓަރު އިސްލާއިލް ނަސީރު އަކީ ވެސް އާންމު ގޮތެއްގައި ދަންވަރު ޑިއުޓީގައި އުޅުމަށްފަހު ގެއަށް ދާ ނޫސްވެރިއެކެވެ. އޭނާއަށް ވެސް މީގެ ކުރިން އާއިލާ ތެރެއިން ނީވޭ ވާހަކަތަކެއް މިހާރު އިވެން ފަށައިފި އެވެ. ބަލައިގެން އުޅުމަށްދޭ ނަސޭހަތް މިހާރު ތަކުރާރުކޮށް އާއިލާ ތެރެއިން އިވެއެވެ. އޭނާ ބުނީ އާއިލާ އޮތީ "ވަރަށް ބިރުން ކަން" އެނގޭ ކަމަށެވެ.
"އާއިލާގެ މީހުން އުޅެނީ ވަރަށް ބިރުން. ރޭގަނޑު ބޭރުގައި ނޫޅެއްޗޭ ބުނާވަރު އިތުރުވެއްޖެ. ބައްޕަ ވެސް ގުޅާނެ ކޮންމެ ރެއަކު ކޮބައިތޯ ބަލަން،" ނަސީރު ބުންޏެވެ.
ސީއެންއެމްގެ އެޑިޓަރު މިސްބާހް އަކީ ވެސް ހުޅުމާލެގައި އުޅޭ މީހެކެވެ. އޭނާ ބުނީ މަންމަ ގުޅާލެއް އިތުރުވެއްޖެ ކަމަށާއި މަންމަމެންގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާ މިންވަރު ގުޅައިގެން ދައްކާ ވާހަކަތަކުން އިނގޭ ކަމަށެވެ.
"މިހާރު ކޮންމެ ދުވަހަކު މަންމަ ގުޅާނެ. ގުޅާފަ ފަށާނީ ގެއްލިގެން އުޅޭ ނޫސްވެރިޔާގެ ވާހަކަ. ދެން ދޭނީ ނަސޭހަތް ރައްކާތެރިވެގެން އުޅެން. ބައްޕަ ގުޅާނެ ވިޔަފާރި ކަންތަކާ. ގުޅާފަވެސް އެ ވާހަކަ ދައްކާނެ،" މިސްބާހް ބުންޏެވެ.
މިއަދު ވަރަށް ގިނަ ނޫސްވެރިންގެ އާއިލާތައް އޮތީ މިފަދަ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ކޮފީ ތަކަށް ރޭގަނޑު ދިއުމަކީ މައިންބަފައިންނަށް އެހާ ރުހެވޭ ކަމަކަށް ނުވެ އެވެ. އޮފީސް ކަމެއްގައި ނަމަވެސް ބޭރުގައި ދަންވަރު އުޅުމަކީ އެމީހުން އެހާ ރުހޭ ކަމަކަށް މިއަދު ނުވެ އެވެ.
ނޫސްވެރިކަމުގެ ތަޖުރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި ނޫސްވެރިންނަށް ދޭ ހަމަލާތަކުގެ މަގުސަދަކީ އެއީ އެވެ. ނޫސްވެރިންނަކީ ކޮންމެ އެއްޗެއް ނުލިޔެވޭނެ ބަޔަކަށް ހެދުމެވެ.
ނޫސްވެރިކަމުގައި މަސައްކަތް ކޮށްފައިވާ އަހްމަދު އާމިރު [ފަރެސް އާމިރު] ވިދާޅުވީ އެއީ ނޫސްވެރިން ގެއްލުވާލުމުގަ އާއި އެމީހުނަށް ހަމަލާދިނުމުގެ އެއް މަގުސަދެވެ. ނަމަވެސް އޭގެ ސަބަބުން ނޫސްވެރިން އެމީހުންގެ ޒިންމާ އަދާނުކޮށް ފަހަތަށް ޖެހިގެން ނުވާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
"ހަގީގަތުގައި ނޫސްވެރިންނަށް ހަމަލާދެނީ އެބިރުވެރިކަން އުފައްދަން. އެހެން ނަމަވެސް ނޫސްވެރިން އެބަ ޖެހޭ މައްސަލަތަކާ ކުރިމަތިލާން. ބިރުދައްކާ މީހުން ދެކެ ބިރު ގަންނާތީ ނޫސްވެރިން ފަހަތަށް ޖެހިގެން ނުވާނެ." އާމިރު ވިދާޅުވި އެވެ.
ނޫސްވެރިއަކު ގެއްލި މަސްދުވަސް ފާއިތުވެފައި ވުމަކީ އާއިލާ ތެރޭގައި ބިރުވެރިކަމެއް އޮތް ކަމެއް ނަމަވެސް ނޫސްވެރިން ތިބީ ކުރިއަށްދާށެވެ. ގައުމުގައި ހުރި ބޮޑެތި އާ މައްސަލަތައް ފެންމަތިކޮށް އެ ވާހަކަތަކުގެ ތަފްސީލް ގެނައުމުގައި ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ އެވެ. ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ އިން ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ކަށަވަރުކޮށްދީފައިވާ އިރު، ނޫސްވެރިއަކު ލިޔާ ލިޔުމަކުން އޭނާ އަށް އިންޒާރުދީ ހަމާލާ ދިނުމަކީ އެހެން ނޫސްވެރިން ފަހަތަށް ޖެހެންވީ ސަބަބެއް ނޫން ކަމަށް ގިނަ ނޫސްވެރިން ގަބޫލުކުރެ އެވެ. ނަމަވެސް ނޫސްވެރިންނަށާއި އެހެން އެންމެންނަށް ވެސް އަމާން ވެއްޓެއް ގާއިމުކޮށްދީފި ނަމަ ނޫސްވެރިންގެ އާއިލާތަކުގެ ހިތްތަކަށް ވެސް ފިނިކަމެއް ލިބޭނެ އެވެ.