10 Sep 2014, 11:18
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަޙުމަދު ރިޟުވާނު ޢަބުދުﷲ ގެއްލުނު ފަހުން މަހެއްވީ އިރު އޭނާ ހޯދުމަށް ކުރާ މަސައްކަތަށް ކުރިއެރުން ލިބޭލެއް ލަސްކަމަށް ބުނެ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ދެ ޖަމާއަތުން މިއަދު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ތަހުގީގު ކުރިއަށްދާ ގޮތާއި މައުލޫމާތު ހިއްސާކުރާ ގޮތާ މެދު އެ ދެ ޖަމާއަތުން ފާޑުކިޔާ ކަމަށެވެ. އަދި ބުނެފައި ވަނީ ރިޟުވާން ހޯދުމަށް ކޮށްފައިވާ މަސައްކަތްތަކުގެ އަދަދުތައް ކަމަށް ފުލުހުން ބުނެފައިވާ އަދަދުތަކަކީ ރަނގަޅު އަދަދުތަކެއް ކަމަށްވާ ނަމަ މީޑިއާއާ ހިއްސާ ނުކުރާ، ވަރަށް މުހިއްމު މައުލޫމާތު ވާނެ ކަމަށް ދެކޭ ކަމަށެވެ.
"...ރިޟުވާނު ގެއްލުނު ހާދިސާއަށް އާއްމުންގެ ފަރާތުން ދީފައިވާ ވަރުގަދަ އިޖާބައިން ދައްކުވައިދެނީ އިންސާފާއި ޖަވާބުތަކަށް ފެންބޮވައިގެންފައިވާ މިންވަރެވެ. ހަމަ އެކަނި އޭނާއާ އެއް މަސައްކަތެއް ކުރާ މީހުންގެ ފަރާތުންނެއް ނޫނެވެ. ޖުމުލަ ގޮތެއްގައި އާއްމުންގެ ގިނަ ބައެއްގެ ފަރާތުންނެވެ. އެއް މަސް ދުވަސް ވެފައި ވާއިރު ޖަވާބުތައް ހޯދުމަށް އެދޭ އެދުން ވަނީ ވަރުގަދަ ވެފަ އެވެ. ފުލުހުން ފޯރުކޮށްދީފައިވާ އަދަދުތައް ރަނގަޅުކަމުގައިވާ ނަމަ، ރިޟުވާނު ގެއްލުމާ ގުޅުން ހުރި މީހުން ހޯދުމަށް އެހީއަކަށްވާ ފަދަ، މުހިއްމު މައުލޫމާތު މީޑިއާއާ ހިއްސާނުކޮށް އެބަވެއެވެ،" އައިއެފްޖޭގެ އެކްޓިން ޑައިރެކްޓަރް ޖޯން ވޯތިންޓަން ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.
ރިލުވާނު ހޯދުމަށް ކުރާ މަސައްކަތް އަވަސްކޮށް، އެކަމުގައި ހުރިހާ ވަސީލަތެއް ބޭނުންކުރުމަށް އައިއެފްޖޭ އާއި އެމްޖޭއޭ އިން ކުރީން ވެސް ގޮވާލާފަ އެވެ.
ރިޟުވާން ހޯދުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ފުލުހުން ގެންދަނީ މީހުން ދިރިއުޅޭ ބައެއް ފްލެޓް ތަކާއި ގެސްޓް ހައުސް ފަދަ ތަންތަނުގެ އިތުރުން ގެތައް ވެސް ބަލައި ފާސް ކުރަމުންނެވެ.
ރިޟުވާން ގެއްލުނު ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭގައި އޭނާ ދިރުއުޅޭ އެޕާޓްމަންޓް ކުރިމަތިން މީހަކު ގަދަކަމުން ރަތް ކުލައިގެ ޕްރައިވެޓް ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށްވެ އެވެ. އެ މައްސަލަ ވެސް ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުންގެ ތަހުގީގު ކުރިއަށް ދަނިކޮށް ރިޟުވާން، މާލޭގައި ހުންނަ ހުޅުމާލޭގެ ފެރީޓާމިނަލުން ޓިކެޓް ގަނެގެން އެ ޓާމިނަލުން އެތެރެއަށް ވަންނަ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖެއް ވަނީ އާއްމުވެފަ އެވެ. ނަމަވެސް އޭނާ ހުޅުމާލެއަށް ގޮސްފައިވާކަން ޔަގީން ކުރެވިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާނާ ބެހޭ މައުލޫމާތެއްދޭ ފަރާތަކަށް 50،000 ރުފިޔާ ދިނުމަށް އޭނާގެ އާއިލާއިން ވަނީ ނިންމައިފަ އެވެ.