10 Sep 2014, 10:38
ސްރީލަންކާ މީހުން އަރަބި ކަނޑަށް ދަތުރު ކުރުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސް ކުރުމުގެ ހުއްދަ ކުރިން ހޯދަން ނުޖެހޭ ގޮތަށް އެގައުމުން ހުށަހަޅަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެކަމަށް އެއްބަސް ނުވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން މިއަދު ބުނެފި އެވެ.
އެމިނިސްޓްރީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ސަރަހައްދަށް ވަދެ ނުކުމެ، ހުއްދަ ސްރީލަންކާ އަށް ސަރުކާން ދީފައިވާ ކަމަށް ފެތުރިފައިވާ ހަބަރުތަކަކީ ދޮގު ހަބަރުތަކެއް ކަމަށެވެ.
"...މިއަދު ކޮޅުނބުގައި ބާއްވާ މޯލްޑިވްސް ސްރީލަންކާ ޖޮއިންޓް ކޮމިޝަނުގެ ބައްދަލުވުމުގައި ދިވެހި ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަދެ ނުކުމެ، އަރަބިކަނޑަށް ދަތުރުކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ބުނެ ދައުރުވަމުންދާ ހަބަރަކީ ހަގީގަތާއި މުޅިން ހިލާފަށް ފަތުރަމުންދާ ދޮގު ހަބަރުތަކެކެވެ،" ބަޔާނުގައިވެ އެވެ.
ބަޔާނުގައި އަދި ބުނެފައި ވަނީ ސްރީލަންކާއާއި ރާއްޖެއާ ދެމެދު ބާއްވާ ރަސްމީ ހުރިހާ ބައްދަލުވުމެއްގައި ވެސް އެގައުމުގެ ފަރާތުން ހުށަހަޅާ މައިގަނޑު އެއްކަމަކީ ކަނޑު ހުރަސް ކުރުމަށް ކުރިން ހުއްދަ ނަގަން ނުޖެހޭ ގޮތަށް ހަމަޖެއްސުން ކަމަށެވެ. ނަމަވެސް ސަރުކާރުން އެކަމަށް އަބަދުވެސް ދެމުން އައި ޖަވާބަކީ ރާއްޖޭގެ ގާނޫނާއި ގަވައިދުތަކަށް އަމަލުކުރަން ޖެހޭނެ ކަމަށް ބުނުން ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
ބަޔާނުގައި އަދި ވަނީ މިއަދު ބާއްވަން އުޅޭ ބައްދަލުވުމުގައި ވެސް ސްރީލަންކާ އިން އެކަމަށް އެދި އަނެއްކާ ވެސް ހުށަހަޅާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ބުނެފައި ވަނީ އެހެން ނަމަވެސް ރާއްޖޭގެ މަސްވެރިއަކަމުގެ ސިނާއަތަށް ބުރޫ އަރާ ފަދަ އެއްވެސް ކަމަކަށް ސަރުކާރުން އެއްބަސް ނުވާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.
"... މިއަދު ބާއްވަން އުޅޭ ކޮމިޝަންގެ ބައްދަލުވުމުގައި ވެސް ސްރީލަންކާއިން ސަރުކާރުން މިކަމަށް ހުށަހަޅާނެ ކަމަށް ލަފާކުރެވެ އެވެ. އެހެންނަމަވެސް ދިވެހި ރާއްޖޭގެ މަސްވެރިންނަށާއި މަސްވެރިކަމުގެ ސިނާއަތަށް ބުރޫ އަރާނެ އެއްވެސް ކަމެއް އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް، އަދި އިގްތިޞާދަށް އެއްވެސް އުނިކަމެއް އަންނާނެ ކަމަކަށް ދިވެހިސަރުކާރުން އެއްބަސްނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް މިސަރުކާރުގެ ފަރާތުން ދެމެވެ." ބަޔާނުގައިވެ އެވެ.
ރާއްޖެއާއި ސްރީ ލަންކާއިން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަނަކީ، ދެގައުމުގެ ދެމެދުގައި އިގްތިސާދީ އަދި ޓެކްނިކަލް ގުޅުން ބަދަހި ކުރުމުގެ ގޮތުން 1984 ވަނަ އަހަރު އުފައްދާފައިވާ ކޮމިޝަނެކެވެ. މިހާތަނަށް މި ކޮމިޝަންގެ ފަސް ބައްދަލުވުމެއް ބޭއްވިފައިވާ އިރު އެންމެ ފަހުން ކޮމިޝަންގެ ބައްދަލުވުމެއް ބޭއްވުނީ 2006 ވަނަ އަހަރުގެ އޭޕްރިލް މަހު އެވެ.
މިއަދު ބާއްވާ އެކޮމިޝަނުގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވުމަށް ސަރުކާރުގެ ފަރާތުން ވަޑައިގެންނެވީ
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމްއާއި، ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީއާއި، ސަރުކާރުގެ އެކި މުއައްސަސާ ތަކުގެ ބައެއް އިސްވެރީންނެވެ.