10 Sep 2014, 09:49
ޖިއްދާ (ސެޕްޓެމްބަރ 10) : އިރާގާއި ސޫރިޔާގެ ބޮޑު ސަރަހައްދެއް ހިފައިގެން އުޅޭ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ނައްތާލުމަށް ކުރަމުންގެންދާ ހަނގުރާމައިގެ ކަންތައްތައް ވިލަރެސް ކުރުމަށް ޓަކައި ޖިއްދާގައި ސަރަހައްދީ ބައްދަލުވުމެއް މާދަމާ ފެށޭ ނެކަން ސައޫދީ އަރަބިޔާ އިން ހާމަކޮށްފި އެވެ.
ސައޫދީ ޚާރިޖީ ވުޒާރާ އިން ބުނީ މިއީ އެގައުމުން އިސްނަގައިގެން ބާއްވާ ސަރަހައްދީ ބައްދަލުވުމެއް ކަމަށާއި މި ބައްދަލުވުމުގައި ގަލްފުގެ އަރަބި ގައުމުތަކުގެ އިތުރުން މިސްރާއި ތުރުކީއާއި އުރުދުން ބައިވެރިވާނެ ކަމުގަ އެވެ. އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލަމުން ގެންދާ ސައޫދީ އަރަބިޔާގެ ސަރުކާރުން ވަނީ އައިއެސް ނައްތާލުމަށާއި އެ ޖަމާއަތް ވުޖޫދުން ފުހެލުމަށް އެމެރިކާ އިސްވެއޮވެގެން ހިންގަމުން ގެންދާ ހަނގުރާމައިގެ ހަރަކާތްތަކަށް ފުރިހަމައަށް ތާއީދުކޮށް އެކަމަށް އެހީތެރިވާނެކަން ހާމަކޮށްފަ އެވެ.
ހުޅަނގުގެ ޖާސޫސީ ދާއިރާތައް ބުނާ ގޮތުން އެހެން ގައުމުތަކަށް ވުރެ ބޮޑަށް ސައޫދީ އަރަބިޔާ އިން އައިއެސް އާމެދު ކަންބޮޑުވަނީ ސައޫދީ ވެރިކަމުގެ ނިޒާމާ އިދިކޮޅު އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ ގިނަ އަދަދެއްގެ ޒުވާނުން އިރާގާއި ސޫރިޔާއަށް ގޮސް އައިއެސްގައި ބައިވެރިވެ އެޖަމާއަތުގެ ހަނގުރާމަވެރިންގެ ތެރޭގައި ހަރަކާތްތެރިވަމުންދާތީ އައިއެސް އަށް އިރާގުގައި ކާމިޔާބު ލިބިއްޖެ ނަމަ ސައޫދީ އަރަބިޔާއާ ދިމާކުރަން އެޖަމާއަތުން ފަސްނުޖެހޭނެތީ އެވެ.
އައިއެސްގެ ހަނގުރާމަވެރިންގެ ސަފުތަކުގައި ބައިވެރިވާ ސައޫދީ ޒުވާނުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ މިއީ ހުޅަނގުގެ ތާއީދުލިބިފައިވާ ސައޫދީ ވެރިކަމުގެ ނިޒާމާއި ޝާހީ ޢާއިލާއަށް ބޮޑު ބިރެއްކަމަށް ހުޅަނގުގެ ޖާސޫސީ ރިޕޯޓްތައް ބުނެ އެވެ. ސައޫދީ ސަރުކާރު ލަފާކުރާގޮތުގައި އެގައުމުގެ ސަރުކާރާ އިދިކޮޅު އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ 2500 އަށްވުރެ ގިނަ ޒުވާނުން އަވަށް ޓެރި އިރާގާއި ސޫރިޔާ އަށް ގޮސް އައިއެސް އާއި ޖަބްހަތުއްނުސްރާ ފަދަ ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވެ އެ ޖަމާއަތްތަކުގެ ސަފުތަކުގައި ހަނގުރާމަ ކުރަމުން ގެންދެ އެވެ. އަދި ސައޫދީ އަރބިޔާއާއި ޔޫއޭއީގެ ބައެއް މަހުޖަނުން ވެސް މިދެޖަމާއަތަށް ފައިސާގެ ބޮޑެތި އެހީތަކެއް ވަމުންދާ ކަމަށް ރިޕޯޓްތައްބުނެ އެވެ.
އައިއެސް ފަދަ ހަރުކަށި ޖަމާއަތްތަކުގެ ސަފުތަކަށް ސައޫދީ ޒުވާނުން ވަންނަމުން ދާތީ ސައޫދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް ވަނީ މިފަދަ ފަރާތްތައް ފަސް އަހަރާއި 30 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ޝާހީ އަމުރެއް މިދިޔަ ފެބްރުއަރީ މަހު ނެރުއްވާފަ އެވެ. މުތްލަގް ރަސްކަމެއް ކުރަމުންގެންދާ ސައޫދީ އަރަބިޔާގައި ރަސްގެފާނު ނެރުއްވާ ޝާހީ އަމުރުތަކަކީ އެގައުމުގެ ގާނޫނެވެ.
އައިއެސް ނައްތާލުމަށް އެމެރިކާ އިސްވެ އޮވެގެން ކުރަމުންގެންދާ ހަނގުރާމައިގެ ކަންތައްތައް ވިލަރެސް ކުރުމަށް ޓަކައި ޖިއްދާގައި މާދަމާ ފެށޭ ސަރަހައްދީ މަހާސިންތާ އަށް ކަނޑައަޅާފައިވާ ޝިއާރަކީ ސަރަހައްދީ ޓެރަރިޒަމް ނައްތާލުން ކަމަށް ސައޫދީ ރަސްމީ ނޫސްއެޖެންސީ ބުނެ އެވެ. އައިއެސް ނައްތާލުމަށް އެމެރިކާ އިސްވެ އޮވެގެން އެކުލަވާލާ އިއްތިޙާދުގައި ސައޫދީ އަރަބިޔާއާއި ގަލްފުގެ އަރަބި ގައުމުތަކާއި އުރުދުންއާއި މިސްރު ބައިވެރިކުރުމަށް އެމެރިކާ ބޭނުންވާކަން ރައީސް ބަރަކް އޮބާމާ ވިދާޅުވެފައިވާ އިރު އަރަބި ޚާރިޖީ ވަޒީރުން ވަނީ އައިއެސް އާ ދެކޮޅަށް އެމެރިކާ ރުކުރުވާލާ އިއްތިޙާދަށް ތާއީދުކުރާކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ. (ބީބީސީ)