10 Sep 2014, 09:42
އިދްލިބް (ސެޕްޓެމްބަރ 10) : ސޫރިޔާގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ އިސްލާމިކް ފްރަންޓް ކޯލިޝަންގައި ހިމެނޭ އިސްލާމީ ފިކުރުގެ ޖަމާއަތެއް ކަމަށްވާ "އަޙްރާރުއްޝާމް" ޖަމާއަތުގެ ލީޑަރުންގެ ބައްދަލުވުމަކަށް އަމާޒުކޮށްގެން ރޭ ދިން ބޮމުގެ ވަރުގަދަ ޙަމަލާއެއްގައި އެ ޖަމާއަތުގެ ލީޑަރާއި އިސްވެރިންގެ 28 މީހުން މަރާލައިފި އެވެ.
"އަޙްރާރުއްޝާމް" ޖަމާއަތުގެ ފަރާތުން ވާހަކަ ދެއްކި އަބޫ މުސްތަފާ އަލްޢަބްސީ ވިދާޅުވީ މިޙަމަލާ ދިންކަމަށް ބެލެވެނީ ހަށިގަނޑުގައި ގޮވާތަކެތީގެ ބެލްޓެއް އަޅައިގެން ހުރި މީހަކު އޭނާގެ ހަށިގަނޑު ގޮއްވާލައިގެން ކަމުގަ އެވެ. އަމިއްލައަށް މަރުވެގެން މި ޙަމަލާދީފައި ވަނީ ސޫރިޔާގެ އުތުރުގެ އިދްލިބްގެ ރާމް ޙަމްދާންގައި ކުރިޔަށް ދިޔަ އެ ޖަމާއަތުގެ ލީޑަރޝިޕްގެ ބައްދަލުވުމެއްގެ ތެރެއަށް ކުއްލި ގޮތަކަށް މީހަކު ވެދެގެން ކަމަށާއި މިޙަމަލާގައި އެ ޖަމާއަތުގެ ލީޑަރުންނާ އެކު ޖުމްލަ 45 މީހުން މަރުވެފައިވާ ކަމުގަ އެވެ. މިޙަމަލާގައި "އަޙްރާރުއްޝާމް" ޖަމާއަތުގެ ލީޑަރު ޙައްސާން އައްބޫދް އާއި އެޖަމާއަތުގެ އެންމެ އިސް ސިޔާސީ ލީޑަރުންނާއި ހަނގުރާމައިގެ ކޮމާންޑަރުންގެ 28 މީހުން މަރުވެފައިވާ އިރު އެމީހުންގެ ހަށިތައް މުޅިން ކުދިކުދިވެ ބައްދަލުވުން ކުރިޔަށް ދިޔަ މާލަން ލޭގެ ކޯރަކަށް ބަދަލުވެފައިވާ ކަމަށް އަލްޖަޒީރާ ބުނެ އެވެ.
"އަޙްރާރުއްޝާމް" ޖަމާއަތަކީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމުގެ ނިޒާމް ވައްޓާލުމަށް މަސައްކަތްކުރާ އިސްލާމިކް ފްރަންޓް ކޯލިޝަންގައި ހިމެނޭ އިސްލާމީ ފިކުރުގެ އެ ތައްޖަމާއަތެއްގެ ތެރޭގައި ހިމެނޭ ޖަމާއަތެކެވެ. އިސްލާމިކް ފްރަންޓް ކޯލިޝަނަކީ ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އިތުރުން ސޫރިޔާގައި ބޮން ގޮއްވުމުގެ އަމަލުތައް ފުޅާދާއިރާއެއްގައި ހިންގަމުން ގެންދާ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާއަތާ ދެކޮޅަށް ވެސް ހަނގުރާމަ ކުރަމުންގެންދާ ކޯލިޝަނެކެވެ.
ބައްޝާރުގެ ވެރިކަން ވައްޓާލުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ އައިއެސް ޖަމާއަތް ކަމަށް އިސްލާމިކް ފްރަންޓް ކޯލިޝަނުން ބުނެ އެވެ. އައިއެސް ޖަމާއަތަކީ އިރާގުގައި ވެސް އެ ޖަމާއަތުގެ ހަނގުރާމަވެރިންގެ ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެން އަމިއްލަ އަށް މަރުވެގެން ހަމަލާދިނުމަށް މަޝްހޫރު ޖަމާއަތެކެވެ. މިގޮތުން އައިއެސްއާ އިދިކޮޅު އެހެން ޖަމާއަތްތައް ކަމަށްވާ ޖަބްހަތުއްނުސްރާ ޖަމާއަތާއި ފްރީސީރިޔަން އާމީ ޖަމާއަތާ ދެކޮޅަށް ވެސް އަމިއްލައަށް މަރުވެގެން ހަމަލާތައް ދޭކަމުގެ ތުހުމަތު އައިއެސްގެ މައްޗަށް ކުރެވިފައިވެ އެވެ.
ސާޅީސް ފަސް މީހުންނާ އެކު "އަޙްރާރުއްޝާމް" ޖަމާއަތުގެ މުޅި ލީޑަރޝިޕްގެ ދުވަސް ދުއްވާލި ލޭއޮހޮރުވުން ބޮޑު ބޮމުގެ މިޙަމަލާގެ ފަހަތުގައި ވަނީ އައިއެސްގެ ހަނގުރާމަވެރިންކަން ނޫނީ ސޫރިޔާގެ ޖާސޫސީ އިދާރާކަން ސާފުވެފައެއް ނުވެ އެވެ. ނަމަވެސް "އަޙްރާރުއްޝާމް" ޖަމާއަތުގެ ލީޑަރުން މަރާލުމަށް ރޭދިން މިޙަމަލާގެ ފަހަތުގައި ވަނީ ސޫރިޔާގެ ޖާސޫސީ އިދާރާކަމަށް "އަޙްރާރުއްޝާމް" ޖަމާއަތް ނިސްބަތްވާ އިސްލާމިކް ފްރަންޓް ކޯލިޝަނުން ވަނީ ތުހުމަތުކޮށްފަ އެވެ. އެކޯލިޝަނުން މިކަމަށް ތުހުމަތުކޮށްފައި ވަނީ "އަޙްރާރުއްޝާމް" ޖަމާއަތުގެ ލީޑަރުންގެ ބައްދަލުވުން ކުރިޔަށް ދިޔައީ ސޫރިޔާގެ އުތުރުގެ އިދްލިބްގެ ރާމް ޙަމްދާންގެ ދުރު ހިސާބެއްގައިވާ ސިއްރު ބިންގަރާހެއްގެ ތެރޭގައި ކަމަށްވެފައި ބޮމުގެ މިޙަމަލާއަށް ފަހު އެތަނުން ކެމިކަލް ހަތިޔާރުގެ އަސަރު ހުރިކަމުން މިއީ އައިއެސްގެ ހަނގުރާމަވެރިންނަށް ކުރެވޭވަރުގެ ކަމެއްނޫން ކަމަށް ބެލެވޭތީ ކަމަށް އިސްލާމިކް ފްރަންޓް ކޯލިޝަނުން ބުނެ އެވެ.
ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ އަނިޔާވެރި ވެރިކަމުގެ ނިޒާމު ވައްޓާލުމަށް ސުންނީންގެ ބާރުގަދަ އެތައް ޖަމާއަތަކުން ހަނގުރާމަ ކުރަމުން ގެންދާއިރު ވެސް ބައްޝާރުގެ ލަޝްކަރުތަކުގެ މައްޗަށް އެޖަމާއަތްތަކަށް ކުރި ނުހޯދެނީ އެ ޖަމާއަތްތަކުގެ ވާދަވެރިކަން ބޮޑުވެ އެއްޖަމާއަތް އަނެއް ޖަމާއަތާ ދެކޮޅަށް ހަނގުރާމަކޮށް ބޮންގޮއްވައި މީހުން މެރުމުގެ ޖަރީމާތައް ހިންގަމުން ގެންދިޔުމުގެ ސަބަބުންނެވެ. އަދި މީގެތެރެ އިން ޖަބްހަތުއްނުސްރާ ޖަމާއަތާއި އައިއެސްފަދަ ޖަމާއަތްތަކަކީ އެއްބަޔަކު އަނެއް ބަޔަކީ ކާފަރުން ކަމަށް ނިންމައި އެމީހުންގެ ލޭ ހުއްދަކޮށްގެން އުޅޭ ތަކްފީރީ ވިސްނުމުގެ ޖަމާއަތްތަކެވެ.
އަލްގާއިދާ އަށް ނިސްބަތްވާ ޖަބްހަތުއްނުސްރާ ޖަމާއަތާއި އަލްގާއިދާ އިން ވަކިވެ ގަނެގެންއުޅޭ އައިއެސް ޖަމާއަތުން ވެސް ގެންދަނީ އެއްޖަމާއަތުން އަނެއްޖަމާއަތުގެ ހަނގުރާމަވެރިންގެ ލޭ ހުއްދަކޮށް އައްބަޔަކު އަނެއްބަޔަކު ނައްތާލުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ބައްޝާރުގެ ވެރިކަން ވެއްޓުނު ނަމަވެސް ސޫރިޔާގައި ހަމަޖެހުން ގާއިމް ނުކުރެވޭނެ ކަމަށާއި ބައްޝާރުގެ ވެރިކަން ވައްޓާލެވުމަށް ފަހު ވެސް ސޫރިޔާގެ ވެރިކަމަށް އަތްގަދަ ކުރުމަށްޓަކައި މިޖަމާއަތްތަކުން ތަޅާފޮޅައި ލޭއޮހޮރުވުންތައް ހިންގަމުން ގެންދާނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ.
ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ތެރޭގައި ފްރީސީރިޔަން އާމީ ޖަމާއަތާއި އިސްލާމިކް ފްރަންޓް ކޯލިޝަން އާއި ޖަބްހަތުއްނުސްރާ ޖަމާއަތާއި އައިއެސް ޖަމާއަތާއި މިނޫން ވެސް އެތައް ޖަމާއަތެއް ހިމެނެ އެވެ. އިސްލާމިކް ފްރަންޓް ކޯލިޝަން އަކީ ސޫރިޔާގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށް މަސައްކަތްކުރާ އިސްލާމީ ފިކުރުގެ އެތަށް ޖަމާއަތެއް ހިމެނޭ ކޯލިޝަނެކެވެ. މިކޯލިޝަނަށް ފައިސާގެ އެހީ ދެނީ ސައޫދީ އަރަބިޔާއާއި ގަތަރާއި ޔޫއޭއީން ކަމަށް ޚަބަރުތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)