09 Sep 2014, 23:58
ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ބަނގުލަދޭޝްގެ އެހީތެރިކަން ހޯދުމުގެ ގޮތުން އެގައުމުގެ ސަރުކާރާއެކު ދިވެހި ސަރުކާރުން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ، ރާއްޖޭގެ ސިއްހީ ދާއިރާއަށް ބަނގުލަދޭޝް ސަރުކާރުގެ އެހީތެރިކަން ހޯދުމަށް ވެވުނު އެއްބަސްވުމުގައި ސޮއިކުރީ، ޑާކާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ މަންދޫބުން ބައިވެރިވާ ސީނިއާ އެޑްވައިޒަރުންގެ ބައްދަލުވުމާއި، 32 ވަނަ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމާއި 67 ވަނަ ރީޖަނަލް ކޮމިޓީގެ ބައްދަލުވުންތަކުގެ ތެރޭގައި ކަމަށެވެ.
ޑާކާގެ ޕޭން ޕެސިފިކް ސޮނާގައޮން ހޮޓަލުގައި ބޭއްވި ބައްދަލުވުމެއްގައި ރާއްޖޭގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޙުސެން ރަޝީދުއެވެ. އަދި ބަނގްލަދޭޝްގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒާހިދު މާލިކް އެވެ.
މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ސިއްހީދާއިރާގެ ފަންނީ މީހުން ތަމްރީންކުރުމަށް ބަނގްލަދޭޝް އިން ފުރުސަތު ހޯދުމާއި، އިންޓާންޝިޕް ފުރުސަތު ހޯދުމުގައި އެހީތެރިވުމާއި، ސިއްހީ ދާއިރާއަށް ބޭނުންވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، އާންމު ސިއްހަތުގެ ދާއިރާއިން މީހުން ހޯދުމުގެ އިތުރުން އެހެނިހެން ސިއްހީ ހިދުމަތްތެރިން ހޯދުމާއި، ސިއްހީ ހިދުމަތަށް ބޭނުންވާ ބޭހާއި މެޑިކަލް ޑިވައިސަސް ގެ ދާއިރާ ތަރައްގީކޮށް ރެގިއުލޭޓްކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމާއި ކުއްލި ހާލަތުގައި އަވަސް ފަރުވާ ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކުރުން ވެސް ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ބަނގްލަދޭޝްއަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ އަދި ވަރަށް ގާތްގުޅުމެއް ބާއްވާ ގައުމެކެވެ. އެގޮތުން 2007 އިން ފެށިގެން މިހާތަނަށް 126 ކުދިންނަށް އިންޓާންޝިޕް ފުރިހަމަކުރުމަށް ބަންގްލަދޭޝްއިން ފުރުސަތު ލިބިފައި ވެއެވެ.
ސިއްހީ ދާއިރާގައި މަސައްކަތް ކުރުމަށް ބޭނުންވާ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން ހޯދުމަށް ކުރެވިފައިވާ މަސައްކަތްތަކުގައި ވެސް ބަނގްލަދޭޝްގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެ އެވެ.