19 Jan 2011, 01:36
ސަރުކާރާއި ވާދަވެރި ފަރާތްތަކުގެ އޮންނަ ހަމައެކަނި ފަލްސަފާއަކީ އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ބާތު (ބައަސް ޕާޓީ) ޕާޓީ ހުދުމުހުތާރު ހިޔާލާއި ފިކުރު ކަމަށް ވިދާޅުވެ، އަނެއްކާވެސް އިދިކޮޅު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ފަރާތުން ގއ. އަތޮޅަށާއި ގދ. އަތޮޅަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުން ތަމްސީލް ކުރުމަށްޓަކައި ވެސްޓް ޕާކުގައި ހުޅުއްވައިދެއްވި "ހުވަދޫ ޖަގަހަ"އިގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ބަދަލުކުރި ކުރީގެ ސަރުކާރުގެ ވެރިކަމަކީ މިހާތަނަށް ދެކުނު އޭޝިއާގައި އުފެދުނު އެންމެ ހުދުމުހުތާރު ވެރިކަން ކަމަށެވެ. އެ ހުދުމުހުތާރު ވެރިކަމަކީ ލެޓިން އެމެރިކާ އަދި ސައުތު އެމެރިކާގެ ގައުމުތަކުގައި ޒަމާންތަކެއް ވަންދެން ވެރިކަންކުރި މިލިޓަރީ ސިޔާސަތުތަކަށްވުރެ، ހީލަތްތެރި ރޭވުމެއްގެ ދަށުންކޮށްފައިވާ 30 އަހަރުގެ ހުދުމުހުތާރު ވެރިކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރާއި ވާދަވެރި ފަރާތްތަކުގެ ފަލްސަފާއެއް، ސިޔާސަތެއް ނެތް ކަމަށް ބައެއް ފަރާތަކުން ބުނި ނަމަވެސް، އިދިކޮޅު ފަރާތަކުގެ ފަލްސަފާ ބިނާވެގެންވަނީ އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ބާތު ޕާޓީގެ ހުދުމުހުތާރު ފިކުރަށް ކަމަށެވެ. އަދި މިހާރު ވެސް އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި އަށަގަންނަވަން މަސައްކަތް ކުރަނީ އެ ހުދުމުހުތާރު ސިފަ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސައްދާމް ހުސައިންގެ ބާތު ޕާޓީއަކަށް އިރާގުގައި ޑިމޮކްރަސީ ގެނެވިދާނެ ކަމަކަށް މީހަކު މިއަދު ގަބޫލެއް ނުކުރާނެ. އެހެންވެއްޖެއްޔާ މިރަށުގެ ބާތު ޕާޓީއަކަށް ވެސް މިރަށަކަށް ޑިމޮކްރަސީއެއް ނުގެނެވޭނެ. އަޅުގަނޑަށް ވަރަށް ގިނައިން އަޑުއިވޭ، ކޮބައިތޯ ވާދަވެރިންގެ ފަލްސަފާއަކީ؟ އެ ބޭފުޅުންގެ ނެތޭ ފަލްސަފާއެއް. ނޫން އެބަ އޮތް. އެއީ 'ބާތިޒަމް' ބާތު ޕާޓީ. އެ ބޭފުޅުން ފެށުނީސްސުރެ ފަށައިގެން ރާއްޖޭގައި އަށަގަންނަވަމުން ގެންދިޔައީ މިދެންނެވި ހުދުމުހުތާރު ސިފަ."
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީ ސަރުކާރާއި ހަވާލުވެ، ރާއްޖެ ހިންގުމާ ހަވާލުވުމާއެކު މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ބާރު ދިނުމަށް ކަމަށެވެ. އެ ތަރައްގީ ލިބެން އޮތީ ރައްޔިތުން އެދޭ ގޮތަށް ކަމަށްވާތީ ކަމަށާއި މި ސަރުކާރުން ރައްޔިތުންނަށް މިހާތަނަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކާއި ވަސީލަތްތަކަށް ބަލައި ސަރުކާރުގެ "ރިޕޯޓް ކާޑަކު 'އޭ' އަކުން ތިރިއެއް ނުއިންނާނެ" ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.