ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކް ކޮށްގެން މިދިޔަ ހަފްތާތެރޭ 1537 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، ގަވާއިދާ ހިލާފަށް ޕާކް ކޮށްގެން 1537 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވާއިރު، އަހަރީ ސްޓިކާ ނެތި ނުވަތަ މުއްދަތު ހަމަވެފައި ވަނިކޮށް ދުއްވި 66 ފަރާތަކާއި ރޯޑްވާދިނަސް ސްޓިކާ ހަމަވެފައި ވަނިކޮށް އަދި ސްޓިކާ ނެތި ދުއްވި 56 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

މަގުމަތި ތަރުތީބުކޮށް، މަގުމައްޗަކީ ހިނގާބިނގާވާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ރައްކާތެރިކަން ލިބިގެންވާ ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާ އެއްގޮތަށް ދުއްވަމުން ގެންދޭތޯ، މިދިޔަ ހަފްތާގައި މާލެއިން 2592 އުޅަނދު ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެގޮތުން އެއްގޮތަކަށް ވެސް ލައިސަންސް ނެތި ދުއްވައިގެން 369 ފަރާތަކާއި ލައިސަންސް އަތުގައި ނެތި ނުވަތަ ހިފަހައްޓާފައި ވަނިކޮށް ދުއްވައިގެން 369 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މުއްދަތު ހަމަވެފައިވާ ލައިސަންސް އައު ނުކޮށް ދުއްވި 111 ފަރާތެއް ވަނީ ޖޫރިމަނާ ކޮށްފައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެއްގަމު އުޅަނދުގައި މީހުން ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން އަރުވައިގެން ދުއްވި ހަ މައްސަލައެއް ވޭތުވެދިޔަ ހަފްތާގައި ޓްރެފިކް ޑިޕާޓްމެންޓުން ބަލައި އެފަރާތްތައް ވަނީ ޖޫރިމަނާ ކޮށްފަ އެވެ.

ވަންވޭއާ އިދިކޮޅަށް ދުއްވައިގެން 18 ފަރާތެއް ޖޫރިމަނާ ކޮށްފައިވާއިރު ޓްރެފިކް ނިޝާންތަކާ ހިލާފު ވެގެން 19 ފަރާތެއް ޓްރެފިކް ފުލުހުން ވަނީ މިދިޔަ އޯގަސްޓު މަހުގެ 31 އިން މިމަހުގެ ހަވަނަ ދުވަހާ ހަމައަށް ޖޫރިމަނާ ކޮށްފަ އެވެ. އަދި އެ މުއްދަތުގައި ވަނީ ޓްރެފިކް ގަވާއިދާ ހިލާފުވެގެން 52 ފަރާތަކަށް މަގުމަތިން ނަސޭހަތް ދީފައި ކަމަށް ފުލުހުން ބުނެ އެވެ.

އަދި ހަމަ އެ މުއްދަތުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވެގެން އެކި ސަބަބުތަކާހުރެ ހިފަހައްޓާފައިވާ 282 ލައިސަންސް ޖޫރިމަނާ ފައިސާ ދެއްކުމުން އޭގެ ވެރިފަރާތާއި މިދިޔަ ހަފްތާގެ ތެރޭ ހަވާލުކޮށްފައިވާއިރު އެ މުއްދަތުގެ ތެރޭގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވެގެން މާލޭގެ އަވަށް ތަކުން 434 ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.