މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހުސްވި އޮގަސްޓު މަހު އާމްދަނީގެ ގޮތުގައި ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މީރާއިން މިއަދު އާންމުކުރި އޮގަސްޓު މަހު ލިބުނު އާމްދަނީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ އޮތޯރިޓީއަށް އާމްދަނީގެ ގޮތުގައި 1.13 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީ އަކީ އެ އޮތޯރިޓީން ލަފާކުރި އަދަދަށް ވުރެ 53 އިންސައްތަ އިތުރު އަދަދެކެވެ. އަދި 2013 ވަނަ އަހަރުގެ އޮގަސްޓު މަހާ އަޅައިބަލާއިރު މިއަހަރުގެ އެ މުއްދަތުގެ ތެރޭގައި ލިބިފައިވާ އާމްދަނީ އަކީ 113.3 އިންސައްތަ އިތުރު އަދަދެކެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަމަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ، ޖީއެސްޓީއާއި ބީޕީޓީގެ ގޮތުގައި ލިބުނު ފައިސާއެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 447.7 މިލިއަން ރުފިޔާ ލިބިފައިވާއިރު، ބީޕީޓީގެ ގޮތުގައި 225.6 މިލިއަން ރުފިޔާ އެ އޮތޯރިޓީއަށް ލިބިފައިވެ އެވެ.

މީރާއިން ބުނީ، މި އަހަރުގެ ޖުލައިމަހު ލިބޭނޭ ކަމަށް އަންދާޒާ ކުރި އާމްދަނީގެ ބައެއް، އޮގަސްޓު މަހުގެ ތެރޭގައި ލިބުން އެއީ އާމްދަނީ އިތުރުވުމަށް މެދުވެރިވި އެއް ސަބަބު ކަމަށެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓު މަހު ބަލައިގަނެފައިނުވާ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ މިދިޔަ މަހު ބަލައިގަނެފައި ވުމަކީވެސް މިދިޔަ މަހުގެ އާމްދަނީ އިތުރުވުމަށް މެދުވެރިވި ސަބަބެއް ކަމަށެވެ.

ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި މިދިޔަ މަހު މީރާއަށް 163.1 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ މަހު މީރާއަށް ލިބުނު 1.13 ބިލިއަން ރުފިޔާގެ ތެރޭގައި 46.51 މިލިޔަން ޑޮލަރު ލިބިފައިވާ އިރު އެއީ، އޮގަސްޓު މަހު ލިބުނު ޖުމުލަ އާމްދަނީގެ 63 އިންސަތައެވެ.

މީރާއިން ބުނީ، މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް އެ އޮތޯރިޓީއަށް އާމްދަނީގެ ގޮތުގައި ޖުމުލަ 8.17 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށެވެ. އަދި އެ އަދަދަކީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 26.4 އިންސައްތަ އިތުރު އަދަދެއް ކަމަށް ވެސް މީރާއިން މައުލޫމާތުދެ އެވެ.