ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ދައުވާ ލިބޭ ފަރާތެއްގެ ސައިކޮލޮޖިކަލް ރިޕޯޓެއް ހެދުމަށް ޖުވެނައިލް ކޯޓުން ފުރުސަތު ދީފި އެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓަށް އެކޯޓުން ފުރުސަތު ދީފައި ވަނީ މިދިޔަ އަހަރު މަރާލި، މއ. އައިޝާ، ހުސައިން ވަހީދަށް އަމާޒުކުރި ވަޅީގެ ދެ ވަނަ ހަމަލާއިން އޭނާ ދިފާއުކުރަން އުޅުނު މީހާއަށް ވަޅިއަކުން ހަމަލާދޭން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ ސައިކޮލޮޖިކަލް ރިޕޯޓެއް ހެދުމަށެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ އުމުރުން 14 އަހަރުގެ އެ ކުއްޖާގެ ނަފްސާނީ ހާލަތު ދެނެގަތުމަށްޓަކައި ސައިކޮލޮޖިކަލް ރިޕޯޓެއް ހެދުމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓަށް އެ ކޯޓުން ފުރުސަތު ދީފައި ވަނީ މިއަދު ކަމަށެވެ. އެގޮތަށް ފުރުސަތު ދީފައި ވަނީ ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ އެދުމުގެ މަތިންނެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ މިއަދު ބޭއްވި އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ ކުއްޖާގެ ފަރާތުން ނެގި އިޖުރާއީ ނުކުތާގައި އެ މައްސަލައިގައި ހިމެނޭ ލިޔުންތަކަށް އެދިފައި ވީނަމަވެސް އެ ލިޔެކިޔުންތައް ދޫކުރެވެން ނެތް ކަމަށް ޝަރީއަތުން ނިންމާފައިވާ ކަމަށެވެ.

ދައުލަތުން އެކުއްޖާގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވާ ގޮތުން އެ ކުއްޖާ ހުސައިނަށް ހަމަލާދޭން އުޅުނީ ސައިކަލްގައި ދިޔަ ދެ ކުއްޖަކު އޭނާގެ މެޔަށް ވަޅިހަރައި ފިލުމުން، ހުސައިން ދުވެފައި ގޮސް ގެޔަށް ވަންނަން އުޅެނިކޮށެވެ.

ގާނޫނުލް އުގޫބާތުގެ ދަށުން އެ ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ މީހަކު މަރާލެވިދާފަދަ ހަތިޔާރަކާއެކު ޣައިރު ގާނޫނީ އެއްވުމަކުން އަމަންނަގާލުމުގެ ކުށުގެ ދައުވާއެވެ.

ހުސައިންގެ މެޔަށް ވަޅި ހަރާލާފައި އޭނާ ޒަހަމްކޮށްލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ 10:30 އެހާއިރު އެވެ. ހަމަލާގައި ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައި ވަނީ ހަމަލާދިންތާ ގަޑިއެއްހާއިރު ނުވަނީސް އެވެ.

އޭނާގެ މެޔަށް ވަޅި ހެރި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އަދި އޭނާ ގޮވައިގެން ސައިކަލްގައި ދަތުރު ކުރި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.