09 Sep 2014, 22:16
ވަޒީފާދޭ ފަރާތަށް ފިލައިގެން އުޅޭ ބިދޭސީންނަށް ވަޒީފާދީގެން ގެންގުޅޭ ފަރާތްތަށް ހޯދުމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނުން ހުޅުމާލޭގައި ހިންގި ހާއްސަ ހަރަކާތެއްގައި އެފަދަ 25 ފަރާތެއް ހޯދައި ޖޫރިމަނާކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ، އާންމު ރައްޔިތުންގެ ގިނަފާރަތްތަކަކުން އެ ޑިޕާޓްމަންޓަށް ހުށަހަޅާފައިވާ ޝަކުވާތަކަކާ ބެލުމަށްފަހު އެ ޑިޕާޓްމަންޓުން ފުލުހުންނާ ގުޅިގެން ހުޅުމާލޭގައި މިއަދު ހިންގި ހާއްސަ އޮޕަރޭޝަނުގައި 41 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 21 ގެސްޓް ހައުސްއާއި ހަތަރު ސައި ހޮޓަލާއި 14 ފިހާރައިގެ އިތުރުން ކެޓަގަރީ ނުކުރެވޭ ދެ ސައިޓެއް ވެސް ހިމެނޭ ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ، ހުޅުމާލޭގައި މިއަދު ހިންގި ހާއްސަ ހަރަކާތުގައި، އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް، ވަޒީފާ ދޭ ފަރާތަށް ފިލައިގެން އުޅޭ ބިދޭސީން ގެންގުޅުނު 25 ފަރާތެއް މިއަދު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
ކަނޑައެޅޭ ވަކި ފަރާތެއްގެ ވަޒީފާގައި އުޅުމަށް ޝަރުތުކޮށް ވާކް ވިޒާ ދިނުމުން އެފަރާތުގެ ވަޒީފާއަށް ފިލައިގެންގޮސް އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް އާމްދަނީ ހޯދައި، ޑޮލަރުގެ ގޮތުގައި އެ ފައިސާ ރާއްޖޭން ބޭރަށް ފޮނުވާ މައްސަލަ ހައްލުކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީންގެ ވާކް ވިސާއާ ބެހޭ ގަވާއިދުގެ ދަށުން، ވާކް ވިޒާ ދީފައިވާ ބިދޭސީންގެ ތެރެއިން އެމީހެއްގެ ޒިންމާގައިވާ ބިދޭސީން ފިޔަވައި އެހެން ބިދޭސީން ގެންގުޅުމަކީ މަނާ ކަމެކެވެ. އަދި އެފަދަ ކުށެއްކުރި ފަރާތެއް 50000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާއި އެފަދަ ކުށެއް ހަތަރުވަނަ ފަހަރަށް ކޮށްފިނަމަ އެ ފަރާތުގެ ޒިންމާގެ ދަށުން ބިދޭސީން އެތެރެ ކުރުމުގެ ހުއްދަ ނުދިނުމުގެ އިހްތިޔާރު އިމިގްރޭޝަނަށް ލިބިގެން ވެއެވެ.
އެ ގަވާއިދުގައިވާ ގޮތުން، އެފަދަ ކުށެއްކުރީ ބިދޭސީއަކު ނަމަ، އެމީހެއްގެ އަދަބަކީ 15000 ރުފިޔާއާއި 50000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި އެފަދަ މީހުން ވަކި މުއްދަތަކަށް ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލުމުގެ އިހްތިޔާރު ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ލިބިގެންވެއެވެ.