09 Sep 2014, 22:06
މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖާއިޒު ފައިދާއެއް ހޯއްދަވަން އުޅުމުގެ ކުށުގައި މާލޭ މުނިސިޕަލްޓީގެ ކުރީގެ ޒިންމާދާރު ވެރިޔާ ހިންނާ ޚާލިދު ހަ މަސް ދުވަހުގެ މުއްދަތަށް ގޭބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ހިންނަގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ އައިޖީއެމްއެޗްގައި އޭނާ އެޑްމިޓުކޮށްފައި ވަނިކޮށް، އިތުރުގަޑީގެ ހާޒިރީ އެތަނަށް ގެންގޮސް 2009 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2010 ވަނަ އަހަރުގެ ޖުލައި މަހާ ދޭތެރޭގެ ދުވަސްތަކެއްގައި އިތުރުގަޑީގެ މަސައްކަތް ކުރި ކަމަށް އެކީ އެއްފަހަރާ އޭނާ ފޮތުގައި ލިޔެފައިވާ ކަމަށެވެ.
ދައުލަތުން ކުރި ދައުވާގައި ބުނެފައިވާ އަމަލު ހިންނަ ހިންގާފައިވާ ކަން ހެކީންގެ ހެކިބަހުންނާއި ދައުލަތުން ހުށަހެޅި ލިޔުންތަކުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
"ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދަން އުޅުމުގެ ކުށުން ހިންނާ ޚާލިދު ކުއްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ އުގޫބާތެއްގެ ގޮތުން ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ހ. ވަޅުފެހި، ހިންނާ ޚާލިދު ހަ މަސް ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށް މައްސަލަ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.