ރާއްޖެއާއި ސްރީލަންކާ ގުޅިގެން އުފައްދާފައިވާ، "ޖޮއިންޓް ކޮމިޝަން"ގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ސަރުކާރު މަތީ ފެންވަރުގެ ވަފުދެއް ސްރީ ލަންކާއަށް މިއަދު ފުރާވަޑައިގެންފި އެވެ.

ހާރިޖީ ވުޒާރާއިން ބުނީ، މޯލްޑިވްސް- ސްރީ ލަންކާ ޖޮއިންޓް ކޮމިޝަނުގެ އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނީ، ހާރިޖީ ވަޒީރު ދުންޔާ މައުމޫނާއި، ލަންކާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޕްރޮފެސަރު ޖީއެލް ޕީރީސް ކަމަށެވެ.

ޖޮއިންޓް ކޮމިޝަންގައި ރާއްޖެއިން ބައިވެރިވެވަޑައިގައިންނަވާ މަތީފެންވަރުގެ ވަފުދުގައި ދުންޔާގެ އިތުރުން ހިމެނިވަޑައިގަންނަވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމްއާއި، ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީއާއި، ސަރުކާރުގެ އެކި މުއައްސަސާ ތަކުގެ ބައެއް އިސްވެރީންނެވެ.

ރާއްޖެއާއި ސްރީ ލަންކާއިން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަނަކީ، ދެގައުމުގެ ދެމެދުގައި އިގްތިސާދީ އަދި ޓެކްނިކަލް ގުޅުން ބަދަހި ކުރުމުގެ ގޮތުން 1984 ވަނަ އަހަރު އުފައްދާފައިވާ ކޮމިޝަނެކެވެ. މިހާތަނަށް މި ކޮމިޝަންގެ ފަސް ބައްދަލުވުމެއް ބޭއްވިފައިވާ އިރު އެންމެ ފަހުން ކޮމިޝަންގެ ބައްދަލުވުމެއް ބޭއްވުނީ 2006 ވަނަ އަހަރުގެ އޭޕްރިލް މަހު އެވެ.